އެމެރިކާގެ ސިއްރު ލިއުންތަކެއް އާއްމުކުރި އެގައުމުގެ ކުރީގެ ޖާސޫސީ އެޖެންޓް އެޑްވަޑް ސްނޯޑެން އަށް ހުރަސްއަޅަން ކުރާ މަސައްކަތަކީ ވަރަށް ނުބައި ކަމެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ޖަމާއަތްކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްގެ ވެބްސައިޓްގައި އެ ޖަމާއަތުން މިއަދު ބުނެފައި ވަނީ އެހެން ގައުމަކުން ހިމާޔަތްހޯދުމަށް ސްނޯޑެން ކުރާ މަސައްކަތް ހުއްޓުވުމަކީ އޭނާގެ އިންސާނީ ހައްގަށް ވަރަށް ބޮޑަށް އަރައިގަތުން ކަމަށެވެ.

"ހިމާޔަތް ހޯދަން ސްނޯޑެން ކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ އިން ގައުމުތަކުގެ ސަރުކާރުތަކަށް ފިއްތުންތައް ކުރިމަތިކުރުމަކީ ވަރަށް ނުބައި ކަމެއް،" އެމްނެސްޓީ އިންޓަނޭޝަނަލްގެ ޑައިރެކްޓަރް އޮފް ލޯ އެންޑް ޕޮލިސީ މިޚައިލް ބޮޝެނެކް ވިދާޅުވި ކަމަށް އެޖަމާއަތުން ބުންޏެވެ.

ބޮޝެނެކް އަދި ވިދާޅުވެފައި ވަނީ ހިމާޔަތް ހޯދުމަކީ ބައިނަލްއަގުވާމީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އެކަމަށް ހުރަސް ނޭޅޭނެ ކަމަށެވެ. ސްނޯޑެން އެމެރިކާ އަށް އަނބުރާ ފޮނުވާލައިފި ނަމަ އޭނާ އަށް އިހާނެތިކޮށް ހިތުމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އިހާނެތިކޮށް ހިތެވުމުގެ ނުރައްކާތެރިކަން ސީރިއަސް މިންވަރަކަށް އޮއްވައި އެއްގައުމަކުން އަނެއް ގައުމަކަށް މީހަކު އަނބުރާ ފޮނުވައެއް ނުލެވޭނެ،" ބޮޝެނެކް ވިދާޅުވެފައިވެ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން އަދި ބުނެފައި ވަނީ އިންސާނީ ހައްގުތައް ނަގާލިކަމުގެ މައުލޫމާތު އާއްމުކުރުމަކީ އެކަން ކުރި މީހަކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށާ އެފަދަ މައުލޫމާތު އާއްމުކުރުމަކީ ހައްގެއް ކަމަށެވެ.