03 Jul 2013, 09:37
"ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރުމަކީ ސަރުކާރު ނެތިދާވަރުގެ ކަމެއް މަޖިލީހުގެ ތެރެއިން ކުރިމަތިވެއްޖެ ކަމަށްވަންޏާ، ޕީޕީއެމުން އަމަލުކޮށްފައި އޮތް ގޮތް ބައްލަވާ،"
މިއީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމިން ތަކުރާރު ކުރައްވާ ޖުމުލައެކެވެ. ޔާމިން ވިދާޅުވާ ގޮތުން ސަރުކާރުގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއަކީ ސަރުކާރުގެ "ކައްތިރި" އެކެވެ. ސަރުކާރު ވެއްޓުނަ ނުދީ ހިފަހައްޓައިދޭ "ގެރި"އަކީ ޕީޕީއެމެވެ. ނަމަވެސް ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް "ކަނައަތުން ފިރުމާފައި" ވައަތުން ޖަހަން އެ ޕާޓީ މިއަދު އޮތީ ތައްޔާރުވެގެންނެވެ.
މަޖިލީހަށް ހުށަހެޅި ބައެއް ބިލްތަކާއި ވަޒީރުނަށް ރުހުން ދިނުމުގައި ޕީޕީއެމުން "މަކަރު" ހެދި މަންޒަރު ފެނިއްޖެ އެވެ. ހިތުގައި ޖެހޭ ވަރަށް ބަދުބަސް ބުނެ، ސަރުކާރު ނެތިދާވަރުގެ ފިޔަވަޅު އަޅަން ފަށައިފި އެވެ. ސަރުކާރު ދަމަހައްޓަން މަޖިލީހުން ލިބެންޖެހޭ ބާރުވެރިކަން ދިނުމަށް ޕީޕީއެމުން ފަސް ޖެހިއްޖެ އެވެ. ކޮންމެ ސަބަބާހުރެ ނަމަވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށް ޕީޕީއެމަށް ވަނީ ނުކުޅިދިފަ އެވެ. ސަރުކާރަށް ތާއިދުކުރާ ދެ ޕާޓީން ވެސް އެ ވާހަކަތައް މިހާރު ގެންދަނީ ފާޅުގައި ބުނަމުންނެވެ. ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ 19 މެންބަރުން ތިބިއިރު ވެސް ސަރުކާރަށް ދެވޭ ސަޕޯޓު މަޖިލިސް ތެރެއިން ކުޑަ ކަމަށް ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ.
ދައުލަތަށް އިތުރު އާމްދަނީ ހޯދަން ހުށަހެޅި ޓެކްސްގެ ބިލުތަކަށް ޕީޕީއެމްގެ ބައެއް މެންބަރުން ފާޑުކިޔެ އެވެ. ޓީޖީއެސްޓީ 15 ޕަސެންޓަށް ބޮޑުކޮށް، ޑީސަލާއި ޕެޓްރޯލުން ޖީއެސްޓީ ނެގުމަށް ހުށަހެޅި ބިލަށް ޕީޕީއެމްގެ މެންބަރުން ކިޔަންފެށި ފާޑުކިޔުމާ އެކު، އެ ބިލު އަނބުރާ ގެންދިޔަ އެވެ. އަދި އެއާޕޯޓުން ފުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ނަގާ އިސްލާހު ބޭރުކޮށްލީ ޕީޕީއެމްގެ ބައިވެރިވުން އޮވެގެންނެވެ.
ހަމަހަމަކަމާ އެކު ދެމެހެއްޓެނިވި ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ބާރުއަޅައި ފެނުގެ ވަސީލަތްތަކަށް ލިބޭ ގެއްލުންތަކަށް ޒިންމާ އުފުލަން ޖެހޭ ގޮތަށް ސަރުކާރުން ހުށަހެޅި "ފެނުގެ ބިލު" މަޖިލީހުން މިދިޔަ މަހު ވަނީ ބޭރުކޮށްލާފަ އެވެ. އެ ބިލު ބޭރުވީ ވެސް ޕީޕީއެމުން ރުހުމުގަ އެވެ.
އޭގެ ފަހުން ފެނިގެން ދިޔައީ ތިން ވަޒީރަކަށް ރުހުން ދިނުމުގައި ޕީޕީއެމް "މަކަރު" ހެދިތަނެވެ. ވަޒީރުންނަށް މަޖިލީހުން ރުހުން ހޯދުމަށް ވަކިވަކިން ވޯޓަށް އެހި ވަގުތު އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ގުރައިދޫ ދާއިރާގެ މެންބަރު ވޯޓުގައި ބައިވެރިއެއް ނުވި އެވެ. އަދި މަޖިލިސް ދޫކުރައްވައި ވަޑައިގެންނެވި އެވެ. އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޔާމިންއާ އެކު އެ ޕާޓީގެ ބައެއް މެންބަރުން ކެމްޕެއިން ދަތުރުފުޅުތަކުގައި ރަށުން ބޭރަށް ވަޑައިގަތީ އެވެ. ނަތީއްޖާއަކަށްވީ އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ބުރަވެ، ދެވަޒީރަކަށް ރުހުން ނުލިބުމެވެ.
ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވާ ގޮތުން ނަމަ ވަޒީރުންނަށް ރުހުން ދިނުމަކީ ޕީޕީއެމަށް މުހިއްމު ކަމެއް ނޫނެވެ. މުހިއްމު، އެންމެ ބޮޑު އެއް މަސައްކަތަކީ އެ ޕާޓީ އަށް މިހާރު މި އަހަރު އިންތިހާބު ވިން ކުރުމެވެ. "ސަން" އާ ވާހަކަތައް ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމިނަށާއި އެހެން ބައެއް މެންބަރުނަށް ވަޒީރުނަށް ރުހުން ދިނުމުގައި ޕީޕީއެމް މެންބަރުންގެ ވޯޓު ކޮންމެހެން ބޭނުންވެފައިވާ އިރު ވެސް އެ ވޯޓުގައި ޔާމިނަށާއި ބައެއް މެންބަރުނަށް ބައިވެރިނުވެވުނީ އައްޑޫއަށް ކެމްޕެއިން ދަތުރެއްގައި ވަޑައިގަންނަވަން ޖެހުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު މަސައްކަތަކީ މިހާރު މިއަހަރު އިންތިހާބު ވިން ކުރުން. އެއަށްވުރެ އިސްކަންދޭ މަސައްކަތެއް މި ވަގުތު އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތްތަކުގެ ތެރެއަކު ނެތް. އަޅުގަނޑުމެންގެ ދަތުރުތައް މި ވަނީ ވަރަށް ބޮޑަށް ރޭވިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވި ގޮތުންނަމަ ވަޒީރުންނަށް ރުހުން ނުލިބުނީ ޔާމިންގެ "ހީލަތްތެރި" ރޭވުމަކުންނެވެ. އޭނާ ވިދާޅުވީ ޕީޕީއެމުން އަމަލުކުރަނީ މަކަރުވެރި ގޮތަކަށް ކަމަށާއި އެކަމުގެ ހަގީގަތް ވަނީ ހާމަވެގެން ގޮސްފައި ކަމަށެވެ.
"ހާއްސަކޮށް ޔާމިން އަބްދުލްގައްޔޫމާއި ޕީޕީއެމް އިން ތަކުރާރުކޮށް ބުނަމުންދާތަން އިވިގެން ހިނގައްޖެ ތިމަންނަމެންނަކީ ސަރުކާރު ދަމަހައްޓާ މީހުނޭ ކިޔައިގެން އަބަދު ވާހަކަ ދައްކާހަދާތަން. އެހެން ނަމަވެސް އެނގިގެން ހިނގައްޖެ ޔާމިންގެ ހަޞީލަތް އޮތް ގޮތް،"
ޕީޕީއެމްއިން ސަރުކާރަށް އެއްބާރުލުން ދޭ ކަމަށް ބުނި ނަމަވެސް އަމަލީ ގޮތުން އެކަން ފެނިގެންނުދާއިރު ޕީޕީއެމް ބުނަނީ ސަރުކާރުން "ޖެއްސުން ކުރާ" ކަމަށެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ޔާމިންގެ ރަނިންމޭޓުކަން ލިބިވަޑައިގެންނެވުމުން ސަރުކާރުން ވަކިކުރެއްވީ ކަމުގަ އެވެ. އަދި ސަރުކާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕީޕީއެމަށް ގުޅިވަޑައިގެންނެވުމުން އެ ބޭފުޅުން ވެސް ސަރުކާރުން ބޭރުކޮށްލާ ކަމަށެވެ. އަދި ޕީޕީއެމްއާ ގުޅޭނެ ކަމަށް ބުނާ ބަޔަކު ވެސް ސަރުކާރުން ވަކިކުރަމުންދާ ކަމަށެވެ.
ސިޔަސީ ޗާޓު ކުރެހިފައި އޮތް ގޮތުން ކޮންމެ ގޮތެއް ވިޔަސް ސަރުކާރު ބުނާހާ ގޮތަކަށް ބަސްއަހައިގެން ޕީޕީއެމެއް ނޯންނާނެ އެވެ. ރިޔާސީ ރޭހުގައި ރައީސް ވަހީދާއި ޔާމިން ވާދަ ކުރައްވާހާ ހިނދަކު، ދެބޭފުޅުން ތިއްބަވާނީ "ބެޓު ހިއްޕަވައިގެން ފަހު ވިކެޓަށް" ނުކުންނަވަރަށް ތައްޔާރުވެގެންނެވެ. އެއްބޭފުޅެއްގެ ކުރި އަށް އަނެއް ބޭފުޅަކަށް އަރައިވަޑައިގެންނެވޭނެ ހުރިހާ އުކުޅުތައް ދެ ބޭފުޅުން ވެސް ރާއްވަވާނެ އެވެ.
ޕީޕީއެމަށް އޮތީ ރައީސް ވަހީދުގެ ސަރުކާރުގެ ބަލިކަށިކަން ދައްކުވައިދިނުމެވެ. ޓެކްސް ނަގައިގެން، ނުވަތަ ތަރައްގީ ގައިމުވެދާ ބިލުތަކަށް އުޒުރެއް ދައްކައިގެން މަޖިލީހުން ފާސްވިޔަ ނުދިނުމެވެ.