02 Jul 2013, 20:30
ފުލުހުން ބަލަމުން ގެންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ޖިންސީ ގުޅުން ހިންގާ ކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ކަމަށް ފުލުހުން ބުނެފި އެވެ.
ސަން އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއްގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު އެވީޑިއޯ ބޭނުންކުރާ މީހުންގެ މައްސަލަތައް ވެސް ފުލުހުން ތަހިގީގު ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން އެ ވީޑިއޯ ނެގި މީހުންނާއި އެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާ މީހުންގެ މައްސަލަތައް ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްޑީޕީން މާފަންނު މަދަރުސާ ކައިރީގައި ބޭއްވި އެއްވުމެއްހައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ އޭނާގެ ދާއިރާ އަށް ނިސްބަތްވާ މީހަކު ފުލުސް އޮފީހަށް ހާޒިރުކޮށް އެ ވީޑިއޯ އުފެއްދީ އަލްހާން ކަމަށް އޭނާ ލައްވާ އެއްބަސްކުރުވުމަށް ފުލުހުން ބިރުދައްކާފައިވާ ކަމަށެވެ. އަލްހާން ކުރިން ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ ފުލުހުން ތަހުގީގު ކުރަމުންގެންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ވީޑިއޯއެއްކަމަށެވެ.
އޭގެފަހުން ކުޑަދުވަސްކޮޅެއް ފަހުން ފުލުހުން ވަނީ ބަރަހަނާ ވީޑިއޯގެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އައްޑޫސިޓީގެ ފޭދޫ އަށް ނިސްބަތްވާ ވިޔަފާރިވެރިޔާ މުހައްމަދު ސައީދު (ގޯލްޑަންލޭން ސައީދު) ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ނޫސްވެރީންނަށް މައުލޫމާތުދެއްވަނުން ސައީދުގެ ގާނޫނީ ވަކީލު ނޫރުބާން ފަހުމީ ވިދާޅުވެފައި ވަނީ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ފަނޑިޔާރެއްގެ ވީޑިއޯ ނަގައިގެން ނާޖާއިޒު ފައިދާ ހޯދަން އުޅޭކަމުގެ ތުހުމަތު ކަމަށެވެ. އަދި ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ސައީދު ބުނެފައިވާ ކަމަށެވެ.
އެދުވަހު ފުލުހުން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ހަނުހުރުމުގެ ހައްގު ސައީދު ބޭނުންކޮށްފައިވާ ކަމަށް ވެސް ނޫރުބާން ވަނީ ވިދާޅުވެފަ އެވެ.
އެ ވީޑިއޯ ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އިންފްރާސްޓްރަކްޗާގެ ކުރީގެ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.
ބަރަހަނާ ވީޑިއޯ އިން ފެންނަ ފަނޑިޔާރުގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ވެސް ކޮށްފައި ވެއެވެ. މަޖިލީހުގެ މެންބަރުން ވަނީ އެ ފަނޑިޔާރު ވަގުތުން އިސްތިއުފާދެއްވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ބަރަހަނާ ވީޑިއޯ އިން ފެންނަ ފަނޑިޔާރު އިސްތިއުފާދެއްވަން ޖެހޭނެ ކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވާއިރު މަޖިލީހުގެ މެންބަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން ވަނީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
ބަރަހަނާ ވީޑިއޯއެއްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު އާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވިނަމަވެސް އަދި މިހާތަނަށް އެ މައްސަލައިގައި ދައުވާ ކުރިމަކެއް އެނގިފައެއް ނުވެއެވެ.