ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު ސަބްރާ ނޫރައްދީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް އޭނާ ހައިކޯޓަށް ހުށަހަޅުއްވައިފި އެވެ.

ސަބްރާ ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރަކީ ބާތިލް އެއްޗެއްކަމަށް ކަނޑައެޅައިދުނުމަށާއި އަދި ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު މައާފަށް އެދުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ފުލުހުން ސަބްރާ ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި ދުވަހު މަޖީދީމަގާއި ނީލޯފަރުހިނގުމާ ގުޅުނު ހިސާބުގައި ހުރެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގަ އެވެ.

ކޯޓު އަމުރެއްގެ ދަށުން ސަބްރާ ހައްޔަރުކޮށްފައި ވަނީ ކޮލަމްބޯ މަގުން މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ 10:30 ގައި ރާއްޖެ ވަޑައިގަތް ތަނުން އެއާޕޯޓުންނެވެ.

ސަބްރާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓެއް ހަވާލުކުރުމަށް ފަހު އޭނާ ދޫކޮށްލާފަ އެވެ.