ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ލުއި އިންޑަސްޓްރީޒްތަކުގެ ޚިދްމަތް ފުޅާކުރެއްވުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުއްމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިގޮތުން، ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކޮށް، ޚިދުމަތް ފުޅާކުރުމަށްޓަކައި ވަކިބާވަތްތަކެއްގެ މުދާ ރާއްޖޭގައި އުފެއްދުމަށް ބޭނުންވާ ތަކެތި ބޭރުން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގައި އެތަކެތި ބަންދުކޮށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމާއި އަދި މިފަދަ ސިނާއަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ މެޝިނަރީއާއި އަދި އެފަދަ ފެކްޓްރީތައް ހެދުމަށްޓަކައި ގެންނަ ތަކެތީގެ އިމްޕޯޓް ޑިއުޓީ، ކަނޑައެޅޭ އުސޫލަކުން މައާފްކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެފަދަ ފެކްޓްރީތައް ގާއިމްކުރުމަށްޓަކައި ހުޅުމާލޭ ސިނާއީ ސަރަހައްދުން ކަނޑައެޅޭ އުސޫލަކުން ބިން ދޫކުރެއްވުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކައިގައި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ދިރިއުޅުމަށް ބޭނުންވާ އަސާސީ މުދަލަކީ، މުޅިންހެން އިމްޕޯޓް ކުރަންޖެހޭ ބާވަތްތައްކަން ފާހަގަކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތަކެތީގެ އަގުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ މުދާ، ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

ޚާއްސާކޮށް، އާންމު ރައްޔިތުން ކެއުމަށް ބޭނުންކުރާ ބާވަތްތަކާއި، އާންމު ދިރިއުޅުމަށް ބޭނުންކުރާ ތަކެތި ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިންމު ކަމުގެ މައްޗަށް މެންބަރުން ބައްލަވައިލެއްވިއެވެ.