ކޯޓުގެ ބައެއް ކަންތައްތަކާ މެދު ހިތްހަމަނުހެޖިގެން ގދ. ތިނަދޫ ކޯޓުގެ ދެ މެޖިސްޓްރޭޓަކާއި ބައެއް މުވައްޒަފުން އިހްތިޖާޖު ކޮށްފި އެވެ.

ތިނަދޫ ކޯޓުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކޯޓުގެ ތިން މެޖިސްޓްރޭޓުންގެ ތެރެއިން ދެ މެޖިސްޓްރޭޓުން ކަމަށްވާ މުހައްމަދު ޒާހިރު ހަސަން އާއި އިބްރާހީމް ރަޝީދު އާއި އިތުރު ދެ މުވައްޒަފަކު މަސައްކަތް ހުއްޓާލުމަށް ފަހު އިހްތިޖާޖުކޮށްފައި ވަނީ ކޯޓުގެ ގޯތިތެރޭގައި ކަމަށެވެ.

އޭނާ ބުނީ މިއަދު 1:30 އިން ފެށިގެން ރަސްމީގަޑި ނިމެންދެން މަސައްކަތް ހުއްޓާލައި އެ މީހުން އިހްތިޖާޖު ކޮށްފައިވާ ކަމަށެވެ.

އިހްތިޖާޖު ކުރި މީހުން ބުނެފައި ވަނީ ކޯޓުގައި އެ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްފައި ނުވާކަމަށާއި އެކަން ހައްލު ކުރުމަށް ބޭނުންވާ ކަމަށެވެ.

އޭނާ ބުނީ މައްސަލަ ޖެހެންފެށީ ކޯޓުގެ އިސް މެޖިސްޓްރޭޓާއި އަނެއް ދެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިގެން ކަމަށެވެ.

ނަމަވެސް އިސް މެޖިސްޓްރޭޓް ވިދާޅުވީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަޒީފާ ބަޔާންތައް ފޮނުވުވުމުން ބައެއް މުވައްޒަފުންގެ ވަޒީފާ ބަޔާންތަކުގައި ސޮއިކުރު ވަނީ އިސް މެޖިސްޓްރޭޓް ބޭނުން ގޮތަކަށް ބަދަލުކުރެއްވުމަށް ފަހު ކަމަށާއި ނަމަވެސް އެއީ އިސްމެޖިސްޓްރޭޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މަސައްކަތް ކުރެވޭނެ މާހައުލެއް ކޯޓުގައި ގާއިމުކޮށްފައި ނުވާތީ އެކަން ހައްލުކޮށްދިނުމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އިބްރާހީމް އަހްމަދު މަނިކަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ.