02 Jul 2013, 16:29
މިސްރުގެ ކުރީގެ ރައީސް މުހައްމަދު ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް ވެރިރަށް ގާހިރާގެ ތަހުރީރު މައިދާނަށް 2011 ވަނަ އަހަރު އެތައް މިލިޔަން މީހުންނެއް އެއްވި އެވެ.
އެ ހާދިސާ އަށް އަހަރެއްވީ އިރު ހަމަ އެހާ ގިނަ މީހުން މިހާރު އަނެއްކާ ވެސް ތިބީ ތަހުރީރު މައިދާނުގަ އެވެ. މިހާރު އެމީހުން އެއްވެ ތިބީ ޑިމޮކްރެޓިކް އުސޫލުން މިސްރުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށެވެ.
ތަހުރީރު މައިދާނަށް އެތައް މިލިޔަން މީހުންނެއް އެއްވެފައިވާ އިރު އެތަނުގައި ވަނީ ވަރަށް އަނިޔާވެރި ކަންތައްތަކެއް ހިނގާފަ އެވެ. އެގޮތުން އެ މައިދާނުގައި މިހާތަނަށް 43 އަންހެނެއްގެ އިއްފަތްތެރިކަން ނަގާލާފައިވާ އިރު އޭގެ ތެރޭގައި މުޒާހަރާގެ ހަބަރު ފެތުރުމަށް ގޮސް ހުރި ހޮލެންޑްގެ އަންހެން ރިޕޯޓަރެއް ވެސް ހިމެނެ އެވެ.
މިސްރުގެ ރިޕޯޓަރެއްކަމަށްވާ ދީނާ ޒަކަރިއްޔާއާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީމެއިލްއިން ބުނީ ތަހުރީރު މައިދާނުގައި ހޮލެންޑްގެ އަންހެން ރިޕޯޓަރު ރޭޕްކުރީ އެމީހުންނަކީ "ރިވޮލިއުޝަނިސްޓުން" ކަމަށް އަމިއްލަ އަށް ބުނި ބަޔަކު ކަމަށެވެ.
އިސްރާއީލްގެ ވައިނެޓް ނިއުސް އިން ބުނީ މީގެ އެތައް ދުވަހެއް ކުރިން ފަސް މީހުން ވެގެން ރޭޕްކުރި އަންހެނަކަށް ފަރުވާދީފައިވާ ކަމަށް ގާހިރާގައިވާ މިސްރު ސަރުކާރުގެ ހޮސްޕިޓަލުން ބުނި ކަމަށެވެ. އެހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވާ ކަމަށް ނޫހުން ބުނީ މިހާރު އޭނާ އަށް ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ތަހުރީރުމައިދާނުގައި މިފަދަ އަނިޔާވެރި ކަންތައްތައް ހިނގާފައިވާ އިރު އެއްވެ ތިބި މީހުންނާއި ސަރުކާރާ ދެމެދު ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް މިސްރު ސިފައިން މިހާރު ވަނީ 48 ގަޑިއިރުގެ މުހުލަތެއްދީފަ އެވެ. އަދި ވެރިކަން ވައްޓާލަން ނުކުތް މީހުންނަށް މިސްރު ސިފައިން ވަނީ ތައުރީފު ވެސް ކޮށްފަ އެވެ.