އެންޓިކޮރަޕްޝަން ކޮމިޝަންގެ ފަރާތުން 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ސެންޓާ އެންޓަޕްރައިޒަސްއަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ސެންޓާ އެންޓަޕްރައިޒަސް އިން އެންޓިކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ދައުވާ ކުރުމުން، އެ ދައުވާ ކުރުމުގެ ބާރު އެ ކުންފުންޏަށް ލިބިގެން ނުވާކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ސެންޓާ އެންޓަޕްރައިޒަސް އިން ދައުވާ ކޮށްފައި ވަނީ މޯލް ޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕްރޮޖެކްޓެއްގެ ދަށުން ސެންޓާ އެންޓަޕްރައިޒަސް އަށް ފައިސާތަކެއް ދީފައިވާ ކަމަށް ބުނެ އެ ކޮމިޝަނުން މީޑިއާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެކަމުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުން ލިބުނު ކަމަށް ބުނެ އެވެ.

އެ ދައުވާގައި ބުނެފައި ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުން އެ ކުންފުންޏާ ގުޅޭގޮތުން މީޑިއާއަށް ދިން މައުލޫމާތުގެ ސަބަބުން އެ ކުންފުނިން ކުރަމުން ދިޔަ ވިޔަފާރީގެ މުއާމަލާތްތަކާއި ކޮންޓްރެކްޓްތަކަށް ހުރަސްއެޅި ބޭންކް ކުރިމަތީގައި އިތުބާރާއި އިންޓެގްރިޓީ އާއި އަބުރު ގެއްލިފައިވާކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން ލިބުނު މަދަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރީއަތް މެދުވެރިކޮށް ނަގައިދިނުމަށް ދައުވާގައި އެދިފައި ވެއެވެ.