05 Nov 2010, 06:36
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތަކަށް އަމަލުކުރެއްވުމަކީ އަސްލަށް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށާއި މަޖިލީހުގެ ރުހުން ނުލިބުނަސް ވަޒީރުން މަގާމުގައި ދެމިތިއްބަވާނެ ކަމަށް ނިންމަވާ، އެ މައްސަލަ އެކީއެކައްޗަކަށް ސަރުކާރުން ދޫކޮށްލީ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުން ވަކިވަކިން ވޯޓަށް އެހި ނަމަވެސް، އަދި ގަނޑުކޮށް ވޯޓަށް އެހިނަމަވެސް، ސަރުކާރުގެ އެއްވެސް އިއުތިރާޒެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތްކުރެއްވެވީ އާދަވެގެން ކޮންމެ ހުކުރު ދުވަހަކު އެމަނިކުފާނު ދެއްވާ ރޭޑިއޯ ތަގުރީރުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ވަޒީރަކު ވަޒީރު ކަމުން ވަކިކުރުމުގައި ޢަމަލުކުރެވޭ ގޮތްތަކެއް ޤާނޫނުއަސާސީގައި ލިޔެވިފައި އެބަހުރި ކަމަށާއި އެކަންކަމަށް ބަލާއިރު، މަޖިލީހުގެ މެންބަރުންގެ ރުހުން، ވަޒީރު ބޭފުޅެއްގެ މައްޗަށް ލިބިވަޑައިނުގެންނެވުމުގެ ސަބަބުން، އެ ވަޒީރު ބޭފުޅަކު ވަޒީރުކަމުން ވަކިވެއެއްނުދާނެ ކަމަށެވެ.
"ވަޒީރަކު ވަޒީރު ކަމުން ވަކިކުރުމުގައި ޢަމަލުކުރެވޭ ގޮތްތަކެއް ޤާނޫނުއަސާސީގައި ލިޔެވިފައި އެބަހުއްޓޭ. އެއީ، ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ނެގުން ނުވަތަ ވަޒީރަކު އިސްތިޢުފާ ދެއްވުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ، އެ ވަޒީރަކު މަގާމުން ވަކިކުރުމޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުން، ވަޒީރު ބޭފުޅެއްގެ މައްޗަށް ލިބިވަޑައިނުގެންނެވުމުގެ ސަބަބުން، އެ ވަޒީރު ބޭފުޅަކު ވަޒީރުކަމުން ވަކިވެއެއްނުދާނެ" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމުގައި އުޞޫލެއްގެ ގޮތުން ޢަމަލުކުރަންޖެހޭނެ ގޮތަކީ، ގަނޑުކޮށް ވޯޓު ނެގުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް، އެފަދަ ވޯޓެއް ނެގުމަށް ފުރުޞަތު ނުލިބި، މުޅި ރައްޔިތުންގެ މަޖިލިސް އެކަމުގެ ތެރޭގައި ހުއްޓިފައި އޮތުން އެއީ، ޤައުމަށް ފައިދާހުރި ކަމެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރުގޭގެ ޙުކުމާއި، ޤާނޫނުއަސާސީގައި ލިޔެފައި އޮތް ބަސްތަކާއި އަދި އެމަނިކުފާނަށް ބަންޑާރަނައިބު ދެއްވާފައިވާ ލަފަޔަށް ބައްލަވާއިރު، ވަޒީރުންނަށް ރުހުން ދިނުމުގައި، ރައްޔިތުންގެ މަޖިލީހުން ކޮންމެ ގޮތަކަށް ޢަމަލު ކުރެއްވި ކަމުގައިވިޔަސް، އޭގެ އަޞްލަށް ބަދަލެއް ނާންނާނެ ކަމަށާއި، މަޖިލީހުގެ ރުހުން ނުލިބުނަސް ވަޒީރުން ތިއްބަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެހެންކަމުން، އެ ރުހުން ދިނުމަކީ އަސްލަށް އެއްވެސް އަސަރެއް ނުކުރާ ކަމެއް ކަމަށްވާތީ، އެ މައްސަލައިގައި އެހާ ބޮޑަށް ސަރުކާރުން ނުހިފަހައްޓައި، ދޫކޮށްލުމަކީ ބުއްދިވެރި ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ރަގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
"އުޞޫލެއްގެ ގޮތުން ރުހުން ދިނުމުގައި ޢަމަލުކުރަންޖެހޭނެ ގޮތަކީ، ގަނޑުކޮށް ވޯޓުނެގުން ކަމަށް އަޅުގަނޑުވެސް ހިތުގެ އަޑިން ގަބޫލުކުރަމޭ. އެހެން ނަމަވެސް، އެފަދަ ވޯޓެއް ނެގުމަށް އަޅުގަނޑުމެންނަށް ފުރްޞަތު ނުލިބި މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް، އެކަމުގެ ތެރޭގައި ހުއްޓިފައި އޮތުން އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ޤައުމަށް ފައިދާހުރި ކަމެއް ނޫން. އަދި އެހެން ބަޔަކު އެކަން އެގޮތަށް ކުރާން އުޅުނު ކަމުގައިވިޔަސްވެސް. އެހެންވީމާ، އަޅުގަނޑުމެން މިއެދެނީ، ތިކަން ދޫކޮށްލައްވާށޭ. އަޞްލަކަށް ބަދަލެއް ނާދެއޭ، ރުހުން ދިނުމުގައި ކޮންމެގޮތަކަށް މަޖިލީހުން ޢަމަލުކުރިޔަސްވެސް" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މި މައްސަލާގައި ދޫދިނުމަށް ނިންމާފައިވަނީ، ވަޒީރުންނާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ފެނިވަޑައިގަންނަވަންޏާ، އެދަނޑިވަޅެއްގައި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ހިމޭނުން މަޖިލީހުގައި ތިއްބެވުމަކީ، ވަރަށް ރަނގަޅު ކަމެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެއީ މަޖިލީހުގައި ގަނޑުކޮށް ވޯޓު ދޭން ޖެހިޖެއްނަމަ އެ ވޯޓުގައި ބައިވެރިނުވުމެވެ.
ރޭޑިއޯ ޚިތާބު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އުއްމީދުކުރައްވަނީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިން މިހާރު އިރާދަކުރެއްވިއްޔާ ސަލާމަތްވެވުނީ ކަމަށެވެ. އަދި އެ ސަލާމަތްވެވުނު ގޮތަކީ، ސަރުކާރުން ހަމަ އެކީއެކައްޗަކަށް މުޅި މައްސަލަ އެކީގައި ދޫކޮށްލުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.