ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ހައިކޯޓުން ދީފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ހައިކޯޓުން ނަޝީދަށް ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނަޝީދަށް ހުއްދަ ދީފައި ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމާ ހަމައަށް ކަމަށެވެ. އަދި ވިދާޅުވީ އެނބުރި ވަޑައިގަތުމުން އެ ހުއްދަ ނިމުނީ ކަމަށާއި އެ މުއްދަތު ހަމަނުވަނީސް އެނބުރި ވަޑައިގަތަސް ދެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ އެ ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ގާނޫނީ ޓީމުން ބުނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ހޯއްދަވާފައި ވަނީ ކުރު އުމްރާއަކަށް ވަޑައިގެންނެވުމަށް ކަމަށެވެ.

ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ އިރު ނަޝީދު ހައިކޯޓުގެ ހުއްދަ ހޯދަންޖެހޭ ސަބަބަކީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލުއުފައްދައި އެމަނިކުފާނު ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާތީ އެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް އޭނަ ސަސްޕެންޑްކޮށްފައިވާތީ އެ މައްސަލައިގެ ޝަރީއަތް ހައިކޯޓުން ތާވަލް ކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ވެސް މިހާރު ވަނީ ވަގުތީގޮތުން ހުއްޓާލާފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވަގުތީގޮތުން ހުއްޓާލާފައި ވަނީ ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗާ ގުޅޭގޮތުން ނަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ނިމެންދެން އެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ އެވެ.