ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލީނިއޯ، 24، އޭނާ މިހާރު ކުޅެމުން އަންނަ ކޮރިންތިއާންސް ދޫކޮށްލަން ނިންމައިފި އެވެ.

ހުސްވި މަހު ޕައުލީނިއޯ ބުނެފައިވަނީ، އިނގިރޭސި ލީގުގެ ޓޮޓެންހަމްއިން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭނާ އެކަމާ ދޭތެރޭގައި ވިސްނާނީ، ކޮންފެޑެރޭޝަންސް ކަޕް ނިމުމުން ކަމަށެވެ.

ގާތް ގަނޑަކަށް 17 މިލިޔަން ޕައުންޑުގެ ފީއަކަށް ޓޮޓެންހަމްއަށް ބަދަލުވުމުގެ މަގުމަތީގައި ހުރި، ޕައުލީނިއޯ ބުނީ އޭނާ އެހެން ކްލަބަކަށް ބަދަލުވީ ނަމަވެސް އަދި އެނބުރި ކޮރިންތިއާންސްއާ ގުޅޭނޭ ކަމަށެވެ.

"ކޮރިންތިއާންސްއަށް އަހަރެން ބުނެލަން އޮތީ، އަވަސް މުސްތަގުބަލެއްގައި އަދި ފެންނާނޭ ކަމަށް އުންމީދު ކުރަން،" ޕައުލީނިއޯ ބުންޏެވެ. "ވަރަށް އަވަހަށް އަހަރެން އެނބުރި އަންނާނަން، ތިޔަޓީމުން އަހަރެންނަށް ކޮށްދީފައިވާ ކަންތައްތަކާއި، ހުރިހާ އެހީތެރިކަމެއްގެ އަގު އަދާކުރަން"

ޕައުލީނިއޯ ޓޮޓެންހަމްއަށް ބަދަލުވުމުގެ ތައްޔާރީތައް ވަމުންދާއިރު އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 17 މެޗް ކުޅެދީފައިވާ ޕައުލީނިއޯ ވަނީ އެ ޓީމަށް މިހާތަނަށް ފަސް ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތެރޭގައި ކޮންފެޑެރޭޝަންސް ކަޕްގައި ޖަޕާނުއަތުން 3-0ން ބްރެޒލް މޮޅުވިމެޗާއި، އުރުގުއޭ އަތުން 2-1ން މޮޅުވި މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑުތައް ހިމެނެއެވެ.