ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގައި 104 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ސްކޫލެއް އަޅަން ނިންމައިފި އެވެ.

އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި އަޅާ ސްކޫލް އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 15 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިއަދު ހެދުނު އެޗޑީސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސްކޫލް އެޅުމުގެ އެއްބަސްވުމުގައި އެޗްޑީސީ އާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ސޮއިކޮށްފަ އެވެ.

އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެވެ. އަދި އަމީން ކޮންސްޓަރަކްޝަންގެ ފަރާތުން އެއްބެސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެޗްޑީސީގެ މެނޭޖިންޑިރެކްޓަރު ސުހައިލް ވިދާޅުވީ ހުޅުމާލޭގައި އެޗްޑީސީގެ ފަރާތުން އަޅާ ސްކޫލަކީ ގްރޭޑް އެކެއް އިން ފެށިގެން 12 އާ ހަމައަށް ކިޔަވައިދެވޭނެ ސްކޫލެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޫލްގައި ޖުމްލަ 44 ކްލާސް ރޫމް ހުންނާނެ ކަމަށާއި އެ ކްލާސްރޫމްތަކުގައި 1300 ކުދިންނަށް އެއްފަހަރާ އެއްދަންފަޅިއަށް ކިޔަވައިދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ މި ސްކޫލަކީ 46000 އަކަފޫޓުގެ ބިމެއްގައި އަޅާ ސްކޫލެއް. ސްކޫލް އިމާރާތްކޮށް ނިމުމަށް ފަހުގައި ވެސް 1800 އަކަފޫޓު އޯޕަން އޭރިޔާގެ ގޮތުގައި އޮންނާނެ. ދެން ސްކޫލުގައި 44 ކްލާސް ރޫމް ހުންނާނެ. ކޮންމެ ކްލާހެއްގައި 30 ކުދިންގެ ޖާގަ ހުންނާނެ. އެހެންވީމާ ސްކޫލުގައި 1300 ކުދިންގެ ޖާގަ ހުންނާނެ. ދެން ސްކޫލުގައި ކިޔަވައިދޭނީ ސިންގަލްސެޝަންއަށް. އަޅުގަނޑުމެން ސްކޫލް އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ 15 މަސް ދުވަހުގެ ތެރޭގައި. މުޅި ޕްރޮޖެކްޓްގެ އަގަކީ 104 މިލިޔަން ރުފިޔާ." ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަ ބުރިއަށް އިމާރާތްކުރާ އެ ސްކޫލްގައި ދެ ލިފްޓް ބަހައްޓަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ސްކޫލުގައި ދަރިވަރުންނަށް ބޭނުންވާ ހުރިހާ ޒަމާނީ ވަސީލަތްތައް ގާއިމް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު ވިދާޅުވީ ހުޅުމާލޭގައި އަލަށް އިމާރާތް ކުރެވޭ އެ ސްކޫލުގެ ސަބަބުން އެ ރަށުގައި އަލަށް އާބާދުވަމުން އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އެ ސްކޫލް އިމާރާތްކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީގެ ބަޖެޓުން ކަމަށް އެތަނުގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވިދާޅުވި އެވެ.