ފުރާވަރުގެ އުމުރުގެ ކުދިންގެ މެދުގައި ހިނގާ ކައިވެނިން ބޭރު ގުޅުންތަކުގެ ސަބަބުން ޖިންސީގުޅުމުން އެޗްއައިވީ އެއިޑްސް އާއި ޖިންސީ ގުޅުމުން އަރާ ބަލިތައް ރާއްޖޭގައި އިތުރުވެފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕްލޭނިން އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

ޔުނައިޓެޑް ނޭޝަން ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕްލޭނިން ގުޅިގެން ކުރި ދިރާސާއަކަށް ފަހު އިއްޔެ އާއްމުކުރި ރިޕޯޓްގައި ބުނެފައި ވަނީ އެޗްއައިވީ އެއިޑްސް އާއި ޖިންސީ ގުޅުމުން އަރާ ބަލިތައް (އެސްޓީޑީ) ރާއްޖޭގައި އިތުރު ވުމަށް މަގުފަހިވާ ކަންތައްތަކެއް ދިވެހި މުޖުތަމައުގައި ހުރި ކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ ޒުވާނުންނާއި ފުރާވަރުގެ އުމުރުގެ ކުދިންގެ މެދުގައި ހިންގާ ކައިވެނިން ބޭރު ގުޅުންތަކާއި ހަށިވިއްކުމާއި އިންޖެކްޝަން ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުމެވެ.

ރައްކާތެރި ނޫން ގޮތުގައި ދަރި ވެއްޓުމުގެ ކަންތައް ވެސް ރާއްޖޭގައި ކުރާ ކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ބުނެފައި ވަނީ ދިރިއުޅުމަށް ބޭނުންވާ ހުނަރު (ލައިފް ސްކިލްސް) އާއި ދަރިމައިވުމުގެ ސިއްހީ ހޭލުންތެރިކަން އިތުރުކުރުން މުހިއްމު ވެފައިވާ މިންވަރު މިކަމުން ދައްކައިދޭ ކަމަށެވެ.

"ރައްކާތެރި ނޫން ގޮތުގައި ދަރިވައްޓާލުމާއި ވިހާފައި މެރުމުގެ ކަންތައް ފަހަކަށް އައިސް އިތުރުވެފައި ވުމަކީ ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ދަރިމައިވުމުގެ ސިއްހީ ހޭލުންތެރިކަމަށް (މުޖުތަމައު) ބޭނުންވާކަން ދައްކައިދޭ ކަންތައްތަކެވެ،" ރިޕޯޓްގައިވެ އެވެ.

މައްސަލަތައް ހައްލުކުރުމަށް ކުރަން ޖެހޭ ކަންތައްތަކެއް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ޒުވާނުންނާއި ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ އަހުލާގާއި މުއާމަލާތްކުރާ ގޮތް ބަދަލުކުރުމަށް ފަރުވާތެރިކަމާ އެކު ރާވައިގެން ހަރަކާތްތައް ހިންގުން މުހިއްމުކަން ވަނީ ފާހަގަކޮށްފަ އެވެ.

ޔޫއެންއެފްޕީއޭ އާއި ޑިޕާޓްމެންޓް އޮފް ޕްލޭނިން އިން ކުރި މި ދިރާސާއަކީ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމެންޓް (އައިސީޕީޑީ)ގެ ނަމުގައި ބޭއްވި އެކޮންފަރެންސްގައި ކަނޑައެޅި މަގުސަދުތައް ހާސިލުކުރެވިފައިވާ މިންވަރު ބެލުމަށް ކުރި ދިރާސާއެކެވެ. މިސްރުގެ ވެރިރަށް ގާހިރާގައި 1994 ވަނަ އަހަރު ބޭއްވި އެ ކޮންފަރެންސްގައި ދުނިޔޭގެ 179 ގައުމަކުން ބައިވެރިވި އެވެ. އަދި ކޮންފަރެންސްގައި ކަނޑައެޅި ލަނޑުދަނޑިތައް 20 އަހަރުގެ ތެރޭގައި ހާސިލުކުރުމަށް ހުރިހާ ގައުމަކުން އެއްބަސްވި އެވެ. އެކޮންފަރެންސް ބޭއްވިތާ 20 އަހަރު ފުރޭނީ އަންނަ އަހަރު އެވެ.