02 Jul 2013, 12:12
ފްރާންސްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމްގެ ފޯވަޑް، ޔާޔާ ސަނޯގޯ އިނގިރޭސި ލީގުގެ އާސެނަލްއަށް ސޮއިކޮށްފި އެވެ.
ސަނޯގޯ އާސެނަލްއާ ގުޅިފައިވަނީ، އޭނާގެ ކުރީގެ ކްލަބް ކަމަށްވާ އުޒެއާއަށް އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ފްރީ ޓްރާންފާ އެއްގަ އެވެ.
ތުރުކީގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަޑުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވާ ފްރާންސްޓީމަށް ކުޅެމުން އަންނަ ސަނޯގޯ ވަނީ، ގްރޫޕް ސްޓޭޖްގައި ފްރާންސަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އަދި އޭނާ މިދިޔަ ސީޒަންގައި އުޒެއާއަށް ކުޅުނު 24 މެޗުގައި 11 ލަނޑު އެ ކްލަބަށް އޭނާ ވަނީ ޖަހައި ދީފަ އެވެ.
އާސެނަލްގެ ކޯޗް، އާސީން ވެންގާ ބުނީ، ސަނޯގޯއަކީ ހުނަރުހުރި މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ބޭނުން އާސެނަލްއަށް ވަރަށް ރަނގަޅަށް ހިފޭނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.
"ސަނޯގޯ ވަނީ އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ދައްކާފައި، ފްރާންގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށާއި އަދި އޭނާގެ ކުރިގެ ކްލަބްގައި،" ވެންގާ ބުންޏެވެ. "އަހަރެމެން މިހާރު އިންތިޒާރު ކުރަމުން މިއަންނަނީ ސަނޯގޯ އާސެނަލްގައި ރަނގަޅު ކާމިޔާބުތަކެއް ހޯދައި އޭނާގެ ހުނަރު އިތުރަށް ތަރައްގީވާތަން ދެކެން"
ސަނޯގޯ އުޒެއާއަށް ސޮއިކުރީ އުމުރުން 14 އަހަރުގަ އެވެ. އޭނާ އާސެނަލްއަށް ސޮއިކުރީ ކިހާވަރެއްގެ ފީއަކަށް ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއްވެސް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.