04 Nov 2010, 19:27
ހދ. އަތޮޅުގައި ބަޔަކު މީހުން ލޯންޗެއްގެ ޑްރައިވަރަކަށް ބިރުދައްކައި ލޯންޗު ހައިޖެކްކޮށްފި އެވެ.
ވައިކަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ، ދެތިން މީހުން ލޯންޗެއްގެ ޑްރައިވަރަކަށް ވަޅިން ބިރުދެއްކުމަށްފަހު މަނަދޫން ވައިކަރަދޫ އަށް އެ ލޯންޗް ގެންދިޔައީ އިއްޔެ ކަމަށެވެ. އަދި ވައިކަރަދޫއަށް އެ ލޯންޗް ގެންގޮސް، ޑްރައިވަރު ދޫކޮށްލުމަށްފަހު، އެމީހުން ފިލީ ކަމަށް ވެސް އޭނާ ބުންނެވެ. އަދި ފިލައިގެން އުޅެނިކޮށް މިއަދު ފުލުހުން އެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް، ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ކިޔައިދިނެވެ. އޭނާ ބުނީ، ހދ. އަތޮޅުގައި ދަތުރުކުރުމަށް ބޭނުންކުރާ އެ ލޯންޗް ހައިޖެކްކުރި އިރު އޭގައި ހުރީ ޑްރައިވަރު އެކަނި ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ލޯންޗެއް ހައިޖެކްކުރުން ފަދަ މައްސަލައަކާ ގުޅިގެން ވައިކަރަދޫން ހަތަރު މީހަކު މިއަދު އިރުއޮއްސުނުހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހިމެނޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އަދި އެމީހުން ހައްޔަރުކުރުމަށްފަހު ބެލިބެލުމުން އެމީހުންގެ އަތުން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެއީ ލޯންޗްގެ ޑްރައިވަރަށް ބިރު ދެއްކުމަށް ބޭނުންކުރި ހަތިޔާރު ކަމެއް އޮފިޝަލު ވިދާޅެއް ނުވެ އެވެ.
އޮފިޝަލު ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރީ ވައިކަރަދޫ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކަމަށާއި ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ. ނަމަވެސް، ހައްޔަރުކުރި މީހުންގެ ތަފްސީލާ އަދި އެނޫން އެއްވެސް މައުލޫމާތެއް އޮފިޝަލު ވިދާޅުވެއް ނުވެ އެވެ.