02 Jul 2013, 12:10
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހުރަސްއަޅައި އެމަނިކުފާނާ އެކު ގދ. ތިނަދޫ އަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ސަން އަށް މައުލޫމާތުދެއްވަމުން ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް އެ ކޯޓަށް ގެނެސްފައި ވަނީ ގދ. ތިނަދޫ އޮޅުތެރޭގޭ ތަމްދީހު މުހައްމަދު އާއި އެ ރަށު ބްލޫހެވަންއާގޭ އަމްޖަދު މުހައްމަދުގެ އިތުރުން އުދަ ޝަހީދު ހަސަން އާއި ލާލުބާޢުއާގޭ އަހްމަދު ސަލީމް ކަމަށެވެ.
އޭނާ ވިދާޅުވީ އެ އެންމެންގެ ބަންދުގެ މުއްދަތު 12 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ތެރެއިން ތަމްދީހު އާއި އަމްޖަދު ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. އަދި ޝަހީދު އާއި ސަލީމް ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
އެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެ ހަތަރު މީހުން އިތުރު ބަޔަކާ އެކު ރައީސް ވަހީދު އެ ރަށް ވަޑައިތުމާ ދެކޮޅަށް ހަޅޭލައްވައި ތަނުގެ މަސްލަހަތު ނަގާލައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އެމަނިކުފާނާ އެކު އެ ރަށަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނަށާއި ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތެވެ.
ރައީސް ވަހީދު ތިނަދޫ އަށް ވަޑައިގަތީ އެމަނިކުފާނުގެ ކޯލިޝަންގެ ކެމްޕޭން ޖަލްސާއެއް ބޭއްވުމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި އެމީހުންގެ ތެރެއިން ތަމްދީހުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސް ޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ޓޭޝަންގެ އިމާރާތަށާއި މުދަލަށް އޭނާ ގެއްލުންދީފައިވާ ކަމަށެވެ. އަދި ގދ. އަތޮޅު ކައުންސިލް އިދާރާގެ ބޭރުގައި ހުރެ އެ އިދާރާ ތެރެއަށް ވަދެ އުޅުނު މީހުންނަށް އެ އިދާރާއަށް ގެއްލުންދިނުމަށް ގޮވާ ހަދާފައިވާ ކަމަށް ވެސް ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.