02 Jul 2013, 11:52
މައިންބަފައިގެން ގާތަށް ޒިޔާރަތްނުކުރާ ނަމަ، ޒިޔާރަތްނުކުރާ މީހުން ޖޫރިމަނާކުރަން ނުވަތަ ޖަލަށް ލުމަށް ބާރުދޭ ގާނޫނެއް ޗައިނާއިން ތަސްދީގުކޮށްފި އެވެ.
ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އެލްޑާލީ ރައިޓްސް ލޯ" ނުވަތަ ދުވަސްވީ މީހުންގެ ހައްގުތަކާ ބެހޭ ގާނޫނަކީ ޗައިނާގައި ދުވަސްވެފައިވާ މީހުންގެ އެކަނިވެރިވެފައިވާ މައްސަލަ އަށް ހައްލެއް ހޯދުމަށް ހަދާފައިވާ ގާނޫނެކެވެ.
މިގާނޫނުގައި ބުނެފައި ވަނީ ދުވަސްވީ މީހުންގެ ދަރިން އެމީހުންނަށް އަޅާލަން ޖެހޭނެ ކަމަށާއި ދުވަސްވީ މީހުންނަށް އަޅާނުލާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
މިގާނޫނު ތަސްދީގުކުރުމުން ޗައިނާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އިންޓަނެޓް ސައިޓްތައް މެދުވެރިކޮށް މިގާނޫނަށް ފާޑުކިޔާފަ އެވެ.
މިގާނޫނުގައި ޒިޔާރަތްކުރަންވީ ދުވަސްތަކެއް ނުވަތަ ކުރަން ޖެހޭ އުސޫލުތަކެއް ބަޔާންކޮށްފައި ނުވުމުން ގާނޫނު ތަންފީޒުކުރާނީ ކިހިނެތްތޯ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ޗައިނާގެ އާއްމުން ބުނެ އެވެ.
ދުވަސްވީ މީހުންގެ ކަންކަމާ އެމީހުންގެ ވެލްފެއާ ބެލެހެއްޓުމުގެ މަސައްކަތަކީ ޗައިނާގައި ބޮޑުވެފައިވާ މައްސަލަ އެކެވެ.
ދެހާސް ދިހައެއްގެ ނިޔަލަށް ޗައިނާގައި ތިބި 60 އަހަރުން މަތީ މީހުންގެ އަދަދު 178 މިލިއަނަށް އަރާފައިވާ އިރު 2030ގެ ނިޔަލަށް މިއަދަދު ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ޗައިނާ އިން ބުނެ އެވެ.
އުމުރުން ދުވަސްވީ މީހުންގެ އަދަދު ޗައިނާގައި ގިނަވަމުންދާ ވަރަކަށް އެމީހުންނަށް ކުރެވޭ އަނިޔާތަކުގެ ރިޕޯޓުތައް ދަނީ އިތުރުވަމުން ނެވެ.
މިގޮތުން ޗައިނާގެ އުތުރުގައިވާ ޖިއަންގުސޫ ޕްރޮވިންސްގައި 91 އަހަރުގެ މާމައަކު، އޭނާގެ ދަރިފުޅުގެ އަންހެނުންގެ ކައިރީގައި ކާނެ އެއްޗަކަށް އެދުމުން، އެއަންހެން މީހާގެ ގައިގާ ތަޅައި ގަނެ، ގެއިން ބޭރު ކޮށްލި މައްސަލަ ޗައިނާގެ މީޑިއާގައި ރިޕޯޓުކޮށްފައި ވަނީ ދާދި ފަހުން ނެވެ.
ދެ ދުވަސް ފަހުން ޗައިނާގެ އިންޓަނެޓް ފޯރަމްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޖިއަންގުސޫގައި ދިރިއުޅޭ ދަނޑުވެރި އާއިލާއެއްގެ އެންމެ ދުވަސްވީ މީހާ ނިދުމަށް ދީފައިވާ ޖާގައަކީ އޫރު ގެންގުޅޭ ކޮށްޓެވެ. މިމީހާއަކީ އެއާއިލާގެ ކުދިންގެ އުމުރުން 100 އަހަރުވެފައިވާ ކާފަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޗައިނާގައި މިކަމަށް ފާޑުކިޔަމުން އަންނަ ފަރާތްތަކުން ބުނެފައި ވަނީ މައިންބަފައިންނަށް އަޅާލުން ފަދަ އާދައިގެން އިންސާނީ ކަމަކަށް ގާނޫނެއް ހަދަން ޖެހުމަކީ ލަދު ގަންނަން ޖެހޭ ވަރުގެ ކަމެކެވެ.
ނަމަވެސް ޗައިނާގެ ލޯ ފާމެއް ކަމަށްވާ ކިންގު އެންޑް ކެޕިޓަލްގެ ގާނޫނީ ވަކީލެއް ކަމަށްވާ ޒަންގު ޔަން ފެންގު ވިދާޅުވީ މިގާނޫނަކީ އުދަނގޫ ގާނޫނެއް ނަމަވެސް، ގާނޫނުގެ ސަބަބުން މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.