މެންޗެސްޓާ ޔުނައިޓެޑް އަދި އިންގްލެންޑްގެ ފޯވަޑް ވޭން ރޫނީއަށް މިހާރު ބޭނުންވަނީ ޔުނައިޓެޑް ނޫން ކްލަބެއްގައި އާ ޗެލްންޖް ތަކާ ކުރިމަތިލުން ކަމަށް ޔުނައިޓެޑްގެ ކުރީގެ އެސިސްޓެންޓެ މެނޭޖަރު، މައިކް ފެލާން ބުނެފި އެވެ.

ރޫނީ ވަނީ ވޭތުވެ ދިޔަ ދެ ސީޒަންގެ ތެރޭގައި ދެފަހަރެއްގެ މަތިން ޔުނައިޓެޑް ދޫކޮށް ދިއުމަށް ރަސްމީކޮށް ކްލަބްގައި އެދިފަ އެވެ. އެގޮތުން މިދިޔަ ސީޒަންގެ ފަހު ކޮޅުގައި ޔުނައިޓެޑްގެ ކުރީގެ ކޯޗް ސާ އެލެކްސް ފާގަސަން ރިޓަޔާ ކުރުމުގެ ކުރިން ރޫނީ ވަނީ ޔުނައިޓެޑް ދޫކޮށް ދިއުމަށް ބޭނުންކަމަށް ބުނެފަ އެވެ.

"ވޭން ރޫނީ މިހާރު އެހެރީ މީހަކަށް ހުރެވޭނޭ އެންމެ ރަނގަޅު ކްލަބްގައި. ކީއްވެ އަމިއްލަ ކެރިއަރު ބަރުބާދު ކޮށްލަންވީ؟ ތިމާއަށް އެއަށްވުރެ ރަނގަޅު ފުރުސަތެއް އެހެން ކްލަބަކުން ލިބެން އޮވެގެން ނުވަތަ، ޔުނައިޓެޑްގައި އެފަދަ ޗެލެންޖެއް ނެތިގެން މެނުވީ،" ބީބީސީ ރޭޑިއޯ5 ގައި ވާހަކަ ދައްކަމުން ފެލަން ބުންޏެވެ.

ރޫނީ، 27، އެންމެ ފުރަތަމަ ޔުނައިޓެޑުން އެހެން ކްލަބަކަށް ބަދަލުވާން ބޭނުންކަމަށް ބުނީ، 2010 ވަނަ އަހަރުގެ އޮކްޓޫބަރުގަ އެވެ. މިފަހަރު އޭނާ ދާން އެންމެ ބޮޑަށް ބޭނުންކަމަށް އަޑުފެތުރުނީ، ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަށެވެ. އެހެން ނަމަވެސް މިހާރު ރިޕޯޓްތައް ބުނާގޮތުން އޭނާހޯދުމަށް ލަންޑަންގެ ދެ ކްލަބް ކަމަށްވާ އާސެނަލްއާއި ޗެލްސީއިންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ޔުނައިޓެޑްގެ ކޯޗް ޑޭވިޑް މޮއިސްގެ ކޯޗް ކަމުގައި އެވަޓަން އިން މެންޗެސްޓާ ޔުނައިޓެޑަށް 2004 ވަނަ އަހަރު، 27 މިލިޔަން ޕައުންޑުގެ ފީއަކަށް ބަދަލުވި ވޭން ރޫނީގެ މުސްތަގުބަލާ ބޭހޭގޮތުން މަޝްވަރާ ކުރުމަށް މި ހަފްތާ ތެރޭގައި މޮއެސްއާއި ރޫނީ ބައްދަލު ކުރާނެ އެވެ.

ރޫނީ އެހެން ކްލަބަކަށް ދާން ބުނުމުން ޔުނައިޓެޑްގެ އޭރުގެ ކޯޗް ފާގަސަން އޭނާ އެފަހަރު މަޑުކުރުވީ، އޭނާގެ މުސާރަ ބޮޑުކޮށް، އަދި އިތުރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރުވުމަށް ފަހު އެވެ.

ފެލާން ބުނީ، ރޫނީ އެފަހަރު ބަދަލުވާން މަސައްކަތް ކުރިއިރު، އޭނާގެ ބޭނުން ކްލަބަށް ވަރަށް ބޮޑު ކަމަށާއި އެހެން ކަމުން ފާގަސަން ރޫނީ ދޫކޮށްލަން އެއްގޮތަކަށްވެސް ބޭނުން ނުވީ ކަމަށެވެ.

އެހެން ނަމަވެސް އޯލްޑް ޓްރަފޮޑްގައި މިދިޔަ ސީޒަންގައި ފާގަސަން ކޯޗު ކަމުގައި ހުރެގެން ކުޅުނު އެންމެ ފަހު މެޗުގައި ރޫނީއަށް ޓީމުން ޖާގަ ދީފައި ނުވާއިރު، ޖެނުއަރީ ޓްރާންފާގައި އާސެނަލްއިން ރޮބިން ވެންޕާސީ ޔުނައިޓެޑާ ގުޅުނު ހިސާބުން ފެށިގެން ރޫނީއަށް ވަނީ، ޔުނައިޓެޑްގެ "ފަސްޓްޗޮއިސް" ސްޓްރައިކާގެ މަގާމް ގެއްލިފަ އެވެ.