އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމް، އާސަންދައިގެ ދަށުން ބޮޑެތި ބަލިތަކުގައި ތަކުލީފު އުފުލަމުންދާ ބަލި މީހުންނަށް އާސަންދައިގެ ލިމިޓް ހަމަނުވެ، ފަރުވާ ހޯދޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
~
ރިޔާސީ ކެންޑިޑޭޓުންގެ ސިޔާސަތު ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިމް ކޯޕަރޭޝަން (އެމްބީސީ)ގެ ދިވެހިރާއްޖޭގެ އަޑުން މިރޭ ގެނެސްދޭން ފެށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި އާސަންދައިގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށެވެ. އެގޮތުން ދިގު މުއްދަތެއްގެ ބަލިތަކުގައި ބޭސްފަރުވާ ކުރަންޖެހޭ މީހުންނަށް ލިމިޓެއް ނެތި ހިލޭ ބޭސް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި ޑޮކްޓަރަށް ދައްކައި ނިމިގެން ނުކުންނައިރު، "ބޭސް ކޮތަޅާއެކު" ނުކުމެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.

"މިހާރު އެބަފެެނޭ ބައެއް ދާއިމީ ބަލިތައް، އަދި ބޮޑެތި ބަލިތަކުގައި ތިއްބަވާ، ތަކުލީފު އުފުލަމުންދާ ބޭފުޅުންނަށް އެއް ލައްކަ ރުފިޔާގެ ލިމިޓް އެބަ ހަމަވޭ. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެފަދަ ބޭފުޅުނަށް އެ ލިމިޓްހަމަނުވެ، ކުރިއަށް ގެންދެވޭނެ ގޮތް، ބޭސް އަބަދުވެސް ލިބެނެ ގޮތް ހަދައިދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޒުވާނުންނަށް ތައުލީމުގެ ފުރުސަތު ހޯދައި އެ މީހުންނަށް އެކަށީގެންވާ ވަޒީފާއެއް ހޯދަވައިދެއްވާނެ ކަމަށެވެ.

ކުދި ރަށްތަކުގެ މީހުން އާބާދީ ބޮޑެތި ސަރަހައްދުތަކަށް ބަދަލުކޮށް، އެއްފަސް ކުރުމުގެ ސިޔާސަތާ ބެހޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ގައުމުގެ ފިތުރަތުގެ ގޮތް ނަގާލައިގެން ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ. ރަށްތައް އެއްފަސްނުކޮށް ވެސް ކުދި ރަށްތައް ތަރައްގީ ކުރެވޭނެ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި ކުދި ރަށްތަކަށް އަޅާ ނުލައި ދޫކޮށްނުލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބަދަލުކޮށްލި އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރަން ފުރުސަތު ލިބުނު ނަމަ، އަޅުގަނޑުމެން ތިބޭނީ ވަރަށް ތަނަވަސް ކަމުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ނުކުންނަވާއިރު އެމަނިކުފާނާ އެކު ރަނިންމޭޓަކަށް ވަޑައިގަންނަވާނީ "ވަފާތެރި ދިވެހި ދަރިއެއް" ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ވަފާތެރިކަން ކަމަށާއި އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދަކީ "ބޭވަފާތެރިކަމުގައި ހައްދުފަހަނަ އެޅި" ބޭފުޅެއް ކަމަށެވެ.

"ކުރީގެ އަޅުގަނޑުގެ ރަނިންމޭޓް ކުރީގެ ނައިބު ރައީސް ބަޣާވާތެއްކޮށް ބޭވަފާތެރިކަމުގައި ހައްދުފަހަނަ އެޅި މަންޒަރު އަޅުގަނޑުމެންނަށް ފެނުނީ. ދެން އެއީ ދިވެހިން ވަރަށް ރުޅި އަންނަ ކަމެއް. އަދި ނުރުހޭ ކަމެއް." ނަޝީދު ވިދާޅުވި އެވެ. "އެހާ ބޮޑަށް ބޭވަފާތެރިވެފައި ބަޣާވާތް ކުރެއްވީމަ އެއީ އަޅުގަނޑުމެން ރައްޔިތުން ވަރަށް ބޮޑަށް ރުޅިއަތުވެއްޖެ ކަމެއް. ރައްޔިތުން އެންމެ ބޮޑަަށް ބޭނުންވަނީ ވަފާތެރިކަން... އަޅުގަނޑުގެ ރަނިންމޭޓު ވާނީ ވަފާތެރި ދިވެހި ދަރިއަކަށް،"

މިރޭގެ ޕްރޮގްރާމްގައި ރައީސް ނަޝީދު ތަކުރާރުކުރެއްވި ގޮތުގައި އެއްބުރުން ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށާއި "ދޮރުން ދޮރަށް" ހިނގައިގެން އެކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 58 ނުވަ 55 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް
ވިދާޅުވި އެވެ.