02 Jul 2013, 11:24
ލޮރެންޒޯޕާކް ތެރޭގައި ހުއްޓާ ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ހަތަރު މީހުންނަށް ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ މާދަމާގެ ނިޔަލަށް ދިފާއުގައި ހުށަހަޅާ ހެކި ލިޔުމުން ހުށަހެޅުމަށް ދައުވާ ލިބޭ ތިން މީހަކަށް ފުރުސަތު ދެއްވާފައެވެ. އަދި އެ މައްސަލައިގައި ވަކީލަކު އައްޔަން ކޮށްފައިނުވާ މީހާއަށް ހެކި ހުށަހެޅުމަށް ދެ ދުވަހުގެ ފުރުސަތެއް ވެސް ގާޒީ ވަނީ ދެއްވާފަ އެވެ.
އުމުރުން 16 އަހަރުގެ އަރްހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމް، 19، އާއި ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފު، 25، އާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާން، 19، ގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދު، 21،ގެ މައްޗަށެވެ.
އެ މީހުންގެ ތެރެއިން މަންސޫރު ފިޔަވައި އެހެން މީހުން ވަނީ ވަކީލަކު ހަމަޖައްސާފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މަންސޫރު ބުނީ އޭނާ އަކީ ރައްޓެހިންނާ އެކު ލޮރެންޒޯ ޕާކްތެރެއަށް ވަދެއުޅޭ މީހެއް ކަމަށާއި އެހެންކަމުން އޭނާގެ ފިންގާޕްރިންޓް އެތަނުގައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މަންސޫރުގެ އިތުރުން ދައުވާ ލިބޭ އެހެންމީހުންގެ ފަރާތުން ވާހަކަދައްކާފައި ވަނީ އެ މީހުންގެ ދިފާއީ ވަކީލެވެ.
އެ މީހުންގެ ދިފާއީ ވަކީލު ވިދާޅުވީ ދައުވާގައި ބުނެފައިވާ ކަމެއް އެމީހުން ކުރިކަން ކޯޓުން ދޫކޮށްފައިވާ އެއްވެސް ލިޔުމަކުން އެނގެން ނެތްކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.
ދައުލަތުން އެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި އަރުހަމް ހުއްޓައި ދަންވަރު 1:00 އާއި ހެނދުނު 6:30 އާއި ދެމެދުގެ ވަގުތެއްގައި އެ މީހުންގެ ތެރެއިން އާތިފް އިތުރު ބަޔަކާ އެކު ވިސާމާއި މަންސޫރު އަދި ސުފުޔާން ސައިކަލްތަކެއްގައި ގޮސް ޕާކްކައިރިއަށް މަޑު ކުރި ކަމަށެވެ. އަދި ސައިކަލްތަކުގައި މަޑުކުރުމަށް ފަހު ވިސާމާއި މަންސޫރު އާއި ސުފުޔާން ޕާކްތެރެ އަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމަށް ފަހު އެ އެންމެން އާތިފް ރަޝީދު އާއި އިތުރު ބަޔަކާ އެކު ސައިކަލްތަކުގައި އެތަނުން ގޮސްފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވެއެވެ.
އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް މީގެކުރިން ދައުލަތުން ވެސް ވަނީ ހެކި ހުށަހަޅާފަ އެވެ.
އަރުހަމު މަރާލީ އޭނާ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުން ދަނިކޮށެވެ. ވަޅިހަރައި އޭނާ މަލާރާލާފައި އޮއްވައި ފެނުނީ ފުލުހުންގެ މީހަކަށެވެ.