02 Jul 2013, 10:59
އިންޑިއާގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ޕަބްލިކް ސާވިސް ޓީވީ ސްޓޭޝަން، "ދޫރުދަރްޝަން" ގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ޓެކްނިކަލް ތަމްރީނުތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.
އިންޑިއާ ގެ ބްރޯޑްކާސްޓިން އާއި ބެހޭ މަސްއޫލު ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ހޯދުމަށްޓަކައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މިހާރު ނިއުދިއްލީއަށް ވަޑައިގެން އުޅުއްވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބޭފުޅުން އިއްޔެ ދޫރުދަރުޝަންގެ މަސްއޫލު ފަރާތްތަކާ ބައްދަލުކުރައްވާފައިވާއިރު ދޫރުދަރުޝަންގެ ޑިރެކްޓާ ޖެނެރަލް ތްރީ ޕުރާރީ ޝަރަން ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ތަރައްގީއަށް ދޫރުދަރުޝަންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނާ ގާތްގުޅުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބުރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ބްރޯޑްކާސްޓް ދާއިރާގެ ފަރާތްތައް ނިއުދިއްލީއަށް ފޮނުވުމުން ދޫރުދަރުޝަންގެ މުވައްޒަފުންނާއެކު އަމަލީ މަސައްކަތްތަކުގައި ބައިވެރިވެ ތަމްރީނާ ތަޖުރިބާގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ އެފަދަ ފުރުސަތެއް ހަމަޖައްސަވާ ދެއްވުމަށް ކަމަށްޓަކައި ދޫރުދަރުޝަންގެ އިސްވެރިންނަށާއި ޕްރަސާބާރްތީގެ ވެރިންނަށާ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ނިއުދިއްލީއަށް ވަޑައިގެން އުޅުއްވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވަފުދުގައި ބޭފުޅުން އެ ދަތުރުގައި އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އާއި ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރާއި ބްރޯޑްކާސްޓް ރެގިއުލޭޓަރީ ގްރޫޕް އާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ ބްރޯޑްކާސްޓިން އަދި ރީބްރޯޑްކާސްޓިން ސިނާއަތުގެ ކަންތައްތައް ބަލައި ދެނެގަތުމަށް ނިއުދިއްލާގައި ހުންނަ ޑޫރްޑާޝިއަން އާއި އެންޑީ ޓީވީ އާއި އެއާޓެލްގެ އިތުރުން ޒީ ޗެނަލް އާއި ސޮނީ ޗެނަލް އާއި އިންޑިއަން ބްރޯޑްކާސްޓިން ފައުންޑޭޝަން އަދި ކޮމިއުނިޓީ ބްރޯޑްކާސްޓާސް ގޮތަށް ހަރަކާތްތެރިވާ ފަރާތްތަކާއިވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އޮތް ތައުލީމާއި ތަމްރީނު ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އިންޑިއަން އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަން ސެންޓާ އާއި އޭޖީކޭ މާސް ކޮމިއުނިކޭޝަން ސެންޓާއަށް ޒިޔާރަތްކޮށް ތަމްރީނުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.