ތ. ފުނައްޑޫގައި ހިންގި މަސްފެކްޓްރީއާއި އެ ރަށާއި މަސްވެރިކަމުގެ ޒޯން3 އަދި 4 އަކަށް ދީފައިވާ މަސް ގަތުމުގެ ހުއްދައަށް ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( އިން ހުޅުވާލުމުން ޝައުގުވެރިކަންފާޅުކުރި ފަރާތްތަކަށް އިތުރު ވަގުތުދޭން ބޭންކުން ނިންމައިިފި އެވެ.

ފުނައްޑޫއަށް ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކުން އިއުލާންކުރީ، ފުނައްޑޫ އިންވެސްޓްމަންޓުން ނެގި ލޯނު، ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނުދައްކައިގެން ރަހުނުކުރި ތަކެތި ބޭންކާ ހަވާލުކުރުމުންނެވެ.

ބޭންކްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުނައްޑޫއަށް ޝައުގުވެރިކަން ޝައުގުވެރިކަންފާޅުކުރި ފަރާތްތަކުން ވަގުތު އިތުރަށް ބޭނުންވާ ކަމަށް އެދުމުން އިތުރު ވަގުތުދޭން ބޭންކުން މިހާރު ނިންމާފައިވާ ކަމަށެވެ. ފުރަތަމަ ބުރުގައި ޝައުގުވެރިކަން ފާޅުކުރީ ކިތައް ފަރާތުން ކަމެއް ބޭންކުން ހާމައެއްނުކުރި އެވެ.

"މިފަހަރު ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަންފާޅު ކުރި. ނަމަވެސް އެ ފަރާތްތަކަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނި. އެހެންވެ ބޭންކުން ނިންމީ އިތުރު ފުރުސަތު ހުޅުވާލަން ނިންމީ،" އޭނާ ވިދާޅުވި އެވެ.


ފުނައްޑޫ މަސް ފެކްޓްރީއާއި ކުއްޔަށްދީފައިވާ އެ ރަށާއި މަސްވެރިކަމުގެ ޒޯން 3 އަދި 4 އަށް ދީފައިވާ މަސްގަތުމުގެ ލައިސަންސްއަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ފަރާތްތަކުގެ މާލީ ގާބިލްކަން ހުރި މިންވަރު އަންގައިދިނުމަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް )އީއޯއައި( އަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މެއި 23ގައި ހުޅުވާލުމަށްފަހު، އީއޯއައި ހުށަހަޅަން ދެ ފަހަރަށް މުއްދަތު އިތުރުކޮށްދީފައިވެ އެވެ. އެންމެ ފަހުން ދިން މުއްދަތު ހަމަވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.


ފުނައްޑޫން ބީއެމްއެލް އިން ނެގި ލޯނު ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ހުށަހެޅި ރީތި ބީޗް ރިސޯޓް )ބ. ފޮނިމަގޫދޫ( އާއި ގއ. މަހައްދޫ އާއި މަޑިވަރު 3 ސަފާރީ އަދި ތ. ފުނައްޑޫގެ ވެރިފަރާތް ބީއެމްއެލް އިން އުފެއްދި ދެ ކުންފުންޏަށް ވަނީ ބަދަލުކޮށްދީފަ އެވެ. މަޑިވަރު 3 ވިއްކާލަން ހުޅުވާލުމުން ގަންނަން ހުށަހަޅާފައި ވަނީ ހަ މިލިއަން ރުފިޔާ އެވެ.

ރައީސް ވަހީދުގެ ރަނިންމޭޓް އަދި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީންގެ ހިއްސާ ކުރިން އޮތް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކުން ލޯނު ނަގާފައި ވަނީ ތ. ފުނައްޑޫގައިވާ ހުރިހާ އިމާރާތަކާއި އިންވެސްޓްމަންޓާއި ކަނބާލިފަރު އިންވެސްޓްމަންޓްސްގެ "މަޑިވަރު 3" ޔޮޓާއި ރީތި ބީޗް ރިސޯޓާއި ރިސޯޓުގެ އެންމެހާ މުދަލާއި ރިސޯޓާ ގުޅުން ހުރި އެ ތަނުގައި ބޭނުންކުރާ އެންމެހާ ތަކެއްޗާއި ލިބެން ޖެހޭ ފައިސާ ވެސް ރަހުނުކުރުމަށް ފަހު އެވެ. ލޯނުތަކަށް ފައިސާ ދައްކަމުން ނުދާތީ އިންޓްރަސްޓާ އެކު ދައްކަން ޖެހޭ އަދަދު 206 މިލިއަން ރުފިޔާ އަށް އަރައިފައިވެ އެވެ.