02 Jul 2013, 09:58
ސަރުކާރާ ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ޝިޕިން ލައިނެއް އުފައްދާ ހިންގުމަށް ހުޅުވާލުމުން ބޭރުގެ ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޝިޕިން ލައިނެއް އުފައްދަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް )އީއޯއައި(ހުށަހެޅުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އަދި އެކަމަށް އެދި އީއޯއައި ހުށަހެޅުމުގެ މުއްދަތު ހަމަވީ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
މިނިސްޓަރުގެ ނައިބު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ޖޮއިންޓްވެންޗާ އުސޫލުން ޝިޕިން ލައިނެއް ހިންގަން ހުށަހަޅާފައި ވަނީ ސިންގަޕޫރުގެ ކުންފުންޏަކާއި ސްރީލަންކާ އަދި ޔޫރަޕްގެ ކުންފުންޏަކުން ކަމަށެވެ.
"މިހާރު ޝައުގުވެރިކަންފާޅުކުރި ކުންފުނިތަކަށް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބިޑް ހުށަޅަން ފުރުސަތު ދިނުމަށް މަސައްކަތްކުރަނީ. އޭގެ ކުރިން އެބަ ޖެހޭ ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދޭނެ އުސޫލްތަކެއް ކަނޑައަޅަން. އެކަން ކުރިޔަށް ގެންދާނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކު ލަފަޔާ އެކު،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖޮއިންޓްވެންޗާ އުސޫލުން ޝިޕިން ލައިނެއް އުފައްދަން ހުޅުވާލި އިރު ސަރުކާރު ހިއްސާވާނެ މިންވަރެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ.
"ސަރުކާރުން ވެސް މަދުވެގެން ހިއްސާވާނެ މިންވަރެއް ކަނޑައަޅާނެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ވެސް އެ ފުރުސަތު ދޭނަން،" ލަތީފް ވިދާޅުވި އެވެ.
ސަރަހައްދީ ފެންވަރުގައި ހިންގި ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެންމެ ފަހުން ދުއްވި ބޯޓުތައް ވެސް ވަނީ ވިއްކާލައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުން ވަނީ އެ ކުންފުނި އުވާލަން ވެސް ފާސްކޮށްފަ އެވެ.