މޮސްކޯ (ޖުލައި 2): އެމެރިކާ އަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެގައުމުގެ ކުރީގެ ޖާސޫސީ އެޖެންޓްއެޑްވަޑް ސްނޯޑެން ޙިމާޔަތަށް އެދި ރަޝިޔާ އަށް ހުށަހަޅައިފި ކަމަށް ރަޝިޔާގެ ޚާރިޖިއްޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ މުސްތަޝާރު ކިމް ޝިފްޗިންކޯ ވިދާޅުވީ އެޑްވަޑް ސްނޯޑެން ރަޝިޔާގެ ޙިމާޔަތަށް އެދި ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާ މިކަމާ މެދު ސަރުކާރުން އަދި ގޮތެއްނުނިންމާ ކަމުގަ އެވެ. ސްނޯޑެންގެ އެމެރިކާއާ ޙަވާލުކުރުމަށް އެދުނު އެދުމަށް ރަޝިޔާ ވަނީ ދެކޮޅު ހަދާފަ އެވެ. ނަމަވެސް ސްނޯޑެންއަށް ޙިމާޔަތްދޭނެކަމުގެ އިޝާރާތެއް ރަޝިޔާގެ އެއްވެސް މަސްއޫލުވެރިއަކު ދެއްވާފައެއް ނުވެ އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވަނީ ރަޝިޔާގައި ހުންނަން ބޭނުންނަމަ އެމެރިކާގެ އިތުރު ސިއްރުތައް ބޭޒާރު ނުރުކުރުމަށް ސްނޯޑެން އަށް ނަސީހަތްތެރިވެ ވަޑައިގެންފަ އެވެ. އެމެރިކާ ސަރުކާރުން ދުނިޔޭގެ ގައުމުތަކަށާ އަދި އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދިޔަ ޖާސޫސީ ޙަރަކާތްތައް ބޭޒާރުކޮށްލި އެޑްވަޑް ސްނޯޑެންއަކީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މިމައްސަލަ އޭނާ ބޭޒާރުކޮށްލާފައި ވަނީ ލަންޑަންގެ ނޫހަކަށާއި ހޮންގްކޮންގެ ނޫހަކަށެވެ. ސްނޯޑެން އެމެރިކާ އަށް ފިއްލަވައިގެން ހޮންގްކޮންގްގައި އުޅުއްވުމަށް ފަހު މިދިޔަ ހަފްތާގައި ވަނީ ރަޝިޔާ އަށް ވަޑައިގެންފަ އެވެ. އޭނާ އަދިވެސް ހުންނެވީ މޮސްކޯ އެއަރޕޯޓްގެ ޓްރާންޒިޓް ފަސިންޖަރުންގެ ސަރަހައްދުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްނޯޑެންވަނީ ޙިމާޔަތަށްއެދި އިކުއެޑޯރ އަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެގައުމުން ބުނަނީ އޭނާ އަށް ޙިމާޔަތްދިނުމުގެ މައްސަލަ ބެލޭނީ އެގައުމަށް އައުމުން ކަމުގަ އެވެ. އެމެރިކާ އިން ސްނޯޑެންގެ ޕާސްޕޯޓް ކެންސަލްކޮށްފައި ވާތީ އޭނާ ވަނީ މޮސްކޯ އެއަޕޯޓްގައި ތާށިވެފަ އެވެ. (ނޫސްއެޖެންސީތައް)