04 Nov 2010, 16:19
ޚާއްސަ އިނާޔަތްތަކާ އެކު ސްޓެލްކޯގެ 38 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ސްޓެލްކޯގެ އިންޖިނިއާ އިބްރާހިމް ރައޫފު މިއަދު ވިދާޅުވީ، އެ މުވައްޒަފުން ވަޒީފާ އިން ވަކިކުރީ ރިޑަންޑަންސީ ޕެކޭޖެއްގެ ދަށުން ވަޒީފާ އިން ވަކިވުމަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދުމުން ކަމަށެވެ. އަދި މުޅިން ވެސް ފައިސާގެ އިނާޔަތްތަކެއް ލިބޭ އެ ރިޑަންޑެންސީ ޕެކޭޖު ކަނޑައަޅާފައި ވަނީ އެ މީހަކު ވަޒީފާ އަދާކުރި މުއްދަތާއި އެ މީހަކު މިހާރު ހުރި މަގާމުން ލިބޭ މުސާރައިގެ މައްޗަށް ބެލުމަށް ފަހު ކަމަށް ވެސް ރައޫފު ވިދާޅުވި އެވެ. އަދި މުވައްޒަފުން ވަކިކުރި އިރު ކުންފުނީގެ ހިންގުމަށް ދަތިނުވާނެ ގޮތަށް ބަލާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަތަރުސަތޭކަ އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ސްޓެލްކޯ އިން މުވައްޒަފުން އަމިއްލަ އަށް ވަކިވާ އިރު ތިން ޕެކޭޖެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއީ ދިހަ އަހަރު ނުވާ މުވައްޒަފުންނާއި ދިހަ އަހަރާއި ވިހި އަހަރާ ދެމެދު ހިދުމަތްކޮށްފައިވާ މުވައްޒަފުން އަދި ވިހި އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ކަނޑައަޅާފައިވާ ތިން ޕެކޭޖެވެ. މި ޕެކޭޖްތަކުގެ ދަށުން އެންމެ ގިނަވެގެން ވެސް މުވައްޒަފަކަށް ލިބޭނީ 350000 ރުފިޔާ ކަމަށް ރައޫފު ވިދާޅުވި އެވެ. އަދި މިފަހަރު ވަކިކުރި މުވައްޒަފުންނަކީ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން ދަށުގެ މަގާމުތަކުގެ މުވައްޒަފުން ކަމަށާއި އެކި މީހުންނަށް ލިބޭ އިނާޔަތްތައް ތަފާތު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ސްޓެލްކޯ އިން މުވައްޒަފުން މަދުކުރުމަށް ނިންމީ ކުންފުނީގެ ޚިދުމަތްތަކަށް ދަތިނުވާނެ ގޮތަށް ބައެއް މުވައްޒަފުން މަދުކުރެވިދާނެ ކަމަށް މެނޭޖްމަންޓުން ހެދި ދިރާސާއަކުން ދައްކާފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި ވަކިވުމަށް ހުށަހެޅި އިތުރު ފަރާތްތައް ވެސް ދޫކޮށްލުމުގެ މަސައްކަތް މެނޭޖްމަންޓުން އަންނަނީ ކުރަމުން ކަމަށް އެކުންފުނިން ބުނެ އެވެ.