02 Jul 2013, 09:32
ޤާހިރާ (ޖުލައި 2): މިސްރުގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް އިޙްތިޖާޖްތައް ކުރަމުންގެންދާ ފަރާތްތަކުގެ ފިއްތުންތަކާ ގުޅިގެން ރައީސް މުރުސީ އިސްތިއުފާ ދެއްވައިފި ނަމަ މިސްރު، ދިމުޤްރާތީ ހުސްކަމެއްގެ ތެރެއަށްވެއްޓި ޅަފަތުގައި އޮތް މިސްރުގެ ދިމުޤްރާތީ ނިޒާމު ހަލާކުވެގެން ހިނގައިދާނެ ކަމަށް މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތުން ބުނެފި އެވެ.
އެ ޖަމާއަތުގެ ސިޔާސީ ޕާޓީކަމަށްވާ ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީން ނެރުނު ބަޔާނެއްގައި އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކުގެ ކުރިމަތީގައި ސާބިތުވެ ހުންނެވުމަށް މުރުސީއަށް ގޮވާލާފައިވެ އެވެ. މުރުސީއަށް ޚާރިޖީ ކަންކަމުގައި ލަފާއަރުވާ މުސްތަޝާރަކު ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފަ އެވެ. އަނެއްކޮޅުން ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް މިސްރަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ސިޔާސީ ފަރާތްތަކަށް 48 ގަޑީއިރުގެ މުހުލަތެއްދީ ސިފައިންގެ އެންމެ މަތީ ކޮމާންޑުން އިއްޔެ ނެރުނުބަޔާނަށް މިސްރުގެ ރިޔާސަތުންވަނީ ފާޑުކިޔާފަ އެވެ. މިސްރުގެ ރިޔާސީ ތަރްޖަމާން އީހާބު ފަހްމީ ވިދާޅުވީ ސިފައިންގެ މުއައްސަސާގެ މިބަޔާނުގެ ސަބަބުން ނާޒުކު ޙާލަތެއްގައި އޮތް މިސްރުގެ ސިޔާސީ މަސްރަހުގައި ބިރުވެރިކަން އުފެދުމުގެ ފުރްސަތު އެބައޮތް ކަމުގަ އެވެ.
މިސްރު ސިފައިންގެ ބަޔާނުގައި ވަނީ ވާދަވެރި ސިޔާސީ ފަރާތްތަކުން ޤާހިރާގެ އެންމެ ބޮޑު ދެމައިދާނަށް މިލިޔަނަކަށް ވުރެ ގިނަމީހުން އެއްކޮށްފައިވުމުގެ ސަބަބުން ގައުމުގެ ބޮޑުބައެއް ހުއްޓުމަކަށް އައިސް ޚިދްމަތްތަކަށް ބުރޫއަރައި އިޤްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކަންބޮޑުވާކަން ހާމަކޮށްރައްޔިތުންގެ އެދުންތަކާއެއް ގޮތަށް ސިޔާސީ ކޯޅުންތައް ޙައްލުކުރުމަށް ސިޔާސީ ފަރާތްތަކަށް 48 ގަޑީއިރުގެ މުހުލަތެއްދީފައިވެ އެވެ. މިމުހުލަތުގައި ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ސިޔާސީ ކޯޅުންތައް ޙައްލުނުކޮށްފި ނަމަ މިސްރުގެ މުސްތަޤްބަލް އަލުން އެކަށައެޅުމުގެ ޗާޓެއް ސިފައިން ހުށަހަޅާނެ ކަމަށް ވެސް ސިފައިންގެ ބަޔާން ބުނެ އެވެ.
ނަމަވެސް މީގެމާނައަކީ މިސްރުގެ ވެރިކަމަށް ސިފައިން އަތްގަދަކޮށް އިންތިޚާބީ ވެރިކަން ފޮރޮޅާލުމަށް ޓަކައި ސިފައިން ޢަސްކަރީ އިންޤިލާބެއް ގެނައުންނޫން ކަމަށާ މިއީ އިންގިލާބެއްގެ އިންޒާރު ނޫންކަމަށް ސިފައިންގެ މުއައްސަސާއިން ފަހުންވަނީ ބުނެފަ އެވެ. އަދި ވެރިކަމާއި ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިންނުވަންނާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ. މިސްރުގެ ދަސްތޫރު ބުނާގޮތުން ސިފައިންގެ އެންމެމަތީ ކޮމާންޑްގެ ވެރިއަކީ އެގައުމުގެ ރައީސް ކަމަށްވާއިރު އެ ކޮމާންޑުން މިބަޔާން ނެރެފައި ވަނީ ރައީސް މުޙައްމަދު މުރުސީ އެބަޔާން ބައްލަވައި މުރާޖަޢާ ނުކުރައްވަނީ ސް ކަމަށް ވެސް މިސްރުގެ ރިޔާސީ ތަރްޖަމާން ވިދާޅުވި އެވެ. މިސްރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސިފައިންގެ ބަޔާނަށް މަރްޙަބާ ކިޔާފަ އެވެ.
މިސްރުގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުގެ މަޤްސަދްގައި އިދިކޮޅު އެތަށްލައްކަ ބަޔަކު މީގެ ދެދުވަސްކުރިން ޤާހިރާގެ ތަޙްރީރު މައިދާނަށް އެއްވެ މުރުސީގެ އިސްތިއުފާއަށް ގޮވަމުންދާ އިރު މުރުސީ އަށް ތާއީދުކުރާ އެތައްލައްކަ ބަޔަކުވެސް ގެންދަނީ މަދީނަތުއް ނަސްރުގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނަށް އެއްވެ މުރުސީގެ ވެރިކަން ދިފާޢުކުރުމުގެ އަޑުތައް އުފުލަމުންނެވެ. އިދިކޮޅުފަރާތްތަކުން ވަނީ މުރުސީ އިސްތިއުފާދެއްވަންދެން އިޙްތިޖާޖްތައް ކުރިޔަށްގެންދިޔުމަށް ވަޢްދުވެފަ އެވެ.
މުރުސީގެ އިސްތިއުފާއަށް ގޮވާލައި އިސްކޮށް ޙަރަކާތްތެރިވަނީ އެންމެފަހުން މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މުރުސީއާ ވާދަކުރައްވައިގެން ނާކާމިޔާބުވެފައިވާ ސިޔާސީ ލީޑަރުން ގުޅިގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަނާއި ކުރީގެ ރައީސް ޙުސްނީ މުބާރަކަށް ތާއީދުކުރާ ފަރާތްތަކުންނެވެ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތާއި އެނޫންވެސް އިސްލާމީ ފިކުރުގެ ޕާޓީތަކުންނެވެ.
މިދެފަރާތުން ޤާހިރާގެ އެންމެ ބޮޑު ދެމައިދާނަށް މިލިޔަނަކަށް ވުރެ ގިނަމީހުން އެއްކޮށްފައިވުމުގެ ސަބަބުން ޤާހިރާ ހުއްޓުމަކަށް އައިސް ޚިދްމަތްތަކަށް ބުރޫއަރައި އިޤްތިސާދަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން މުރުސީއާ އިދިކޮޅު ފަރާތްތަކުންވަނީ އޭނާގެ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ އެތައް މަރުކަޒަކާއި އޮފީހެއްއަންދާލާފަ އެވެ. މިހާދިސާތަކުގައި މިހާތަނަށް16 މީހަކު މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް މިސްރުގެ ސިއްޙަތާބެހޭ ދާއިރާތަކުން ވަނީ ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)