02 Jul 2013, 00:43
ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބަސެޑަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައި، ސިޔާސީ ޕާޓީއެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަތުމަށް އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) ނިންމަވައިފި އެވެ.
~
މިހާރު ފުރުއްވަމުން ގެންދަވާ ސިޔާސީ މަގާމުން އިސްތިއުފާދާނެ ކަމަށް އިއުލާން ކުރެއްވީ
ސަންދާން އަހަންމައިދީ އިސްކޮށް ހުންނަވައިގެން "ޑިމޮކުރަސީ ލެބް" ނަމުގައި އުފެއްދެވި މަދަނީ ޖަމިއްޔާ އިފްތިތާހު ކުރުމަށް މިރޭ ނަލަހިޔާ ހޮޓެލްގައި ބޭއްވި ރަސްމިޔާތެއްގަ އެވެ.
އަހަންމައިދީ ވިދާޅުވީ މަދަނީ ޖަމިއްޔާއެއްގައި އިސްކޮށް ހުންނަވައިގެން ސިޔާސީ މަގާމެއްގައި ހުންނެވުމަކީ ރަނގަޅު ކަމެއް ދެކިވަޑައިނުގަންނަވާ ކަމަށާއި މިހާރު އޭނާ ހުންނެވި މަގާމުން ދާދި އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށެވެ. "ނޮން ގަވަރުމަންޓް އޯގަނައިޒޭޝަނެއްގެ އެންމެ އިސްވެރިއަކަށް ހުރުން އެކަށީގެނެއްނުވޭ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ހިޔުމަންރައިޓްސް އެމްބަސިޑަރަށް ހުރެގެން. އެހެންކަމުން ދާދި އަވަހަށް އެ މަގާމުން އަޅުގަނޑު އިސްތިއުފާ ދޭނަން،"
އަހަންމައިދީ ވިދާޅުވީ އެ ޖަމިއްޔާގައި މަސައްކަތް ކުރުމަށްޓަކައި ސިޔާސީ ކަންކަން އެކަހެރިވެގެން ހުރުން މާރަނގަޅު ކަމަށާއި އެހެން ކަމުން އެއްވެސް ސިޔާސީ ޕާޓީއަކުން ދެން ނުފެންނާނެ ކަމަށެވެ. "އަޅުގަނޑުގެ ހަޔާތުގައި ވަރަށް ހާއްސަ ރެއެއް މިރޭ މިއީ. އެހެން މި ދެންނެވީ ﷲ އިރާދުފުޅުން މީގެ ފަހަކުން ދެން ސިޔާސީ ޕާޓީއަކުން ފެނިގެން ނުދާނެ. އަޅުގަނޑު އަބަދުވަސް ޑިމޮކުރަސީ ލެބްގެ މަސައްކަތުގައި އުޅޭނަން،" އަހަންމައިދީ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ސިޔާސީ މަގާމަކަށް އަހަންމައިދީ ވަޑައިގެންނެވިއިރު، އޭނާ ހުންނެވީ ގައުމީ ޕާޓީގަ އެވެ. އަދި ފަހުން ގައުމީ އިއްތިހާދަށް ވެސް ސޮއި ކުރެއްވި އެވެ. އަހަންމައިދީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ޖަލުގައި އަނިޔާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ހިންގެވި ސިލްސިލާ ހަރާކާތުގެ ސަބަބުން އަހަންމައިދީއަށް އޭރު ކުރިމަތިވި ކަންތަތަކާ ގުޅިގެން ބައިނަލް އަގުވާމީ ފަރާތަތަކުގެ ސަމާލުކަން އޭނާ ވަނީ ހޯދާފަ އެވެ. އެގޮތުން އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ އަހަންމައިދީއަކީ "ޒަމީރުގެ ގައިދީއެއް" ކަމަށް ބަލައިގެންފަ އެވެ.
އަހަންމައިދީ މިރޭ ވިދާޅުވީ ސިޔާސީ ކަންކަމުގައި ޖެހި ގައުމު ވަނީ ހަލާކުވެފައިވާ ކަމަށާއި އެކަން ހައްލު ކުރެވޭނީ މަދަނީ ޖަމިއްޔާތަކުގެ އެހީގައި ކަމަށެވެ. "މިއަދު އަޅުގަނޑުމެނަށް މި ފެންނަނީ ބާލާލި ކޮންމެ ދިމާލަކުން ސިޔާސީ މީހުން ސިޔާސީ އުކުޅުތަކަށް ކަންކަން ކުރައްވަމުން ރާވަވަމުން ދާތަން. އަޅުގަނޑު ނުބުނާނަން ދޮގު ހަދަނިއޭކޭ. އެހެން ނަމަވެސް ހުވަފެން ދައްކަމުން ހުވަފެން ތަކުގެ ތެރޭގައި ގައުމު ބިކަވެ ގަރީބުވާތަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަން ހައްލު ކުރެވެން އޮތީ މަދަނީ ޖަމިއްޔާތަކުގެ އެހީގައި،"
ގާނޫނީ ވަކީލް އަބްދުﷲ ސައީދާއެކު އުފެއްދެވި ޑިމޮކުރަސީ ކުލަބުގެ މަގުސަދުގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ނިޒާމް ފުރިހަމަ ކުރުމަށް މަސަކަތް ކުރުމާއި އިންސާނީ ހައްގުތަކާމެދު މީހުން އަހުލުވެރިކުރުމުގެ އިތުރުން ޑިމޮކުރަސީއަށް މީހުން އަހްލުވެރިކުރުން ހިމެނޭ ކަމަށް ސަންދާން ވިދާޅުވި އެވެ.