01 Jul 2013, 23:14
(29 ޖޫންގެ އަދަދާއި ގުޅޭ)
ފުރަގަސްދީގެން އިން އިރު އޭނާ ލައިގެން ހުރި ހުދު ހެދުމުގެ މައްޗަށް ފެތުރިފައިވާ ބޯ އިސްތަށިގަނޑަށް ބޮކިތަކުގެ އޮރެންޖް އަލި އެޅިފައި ވާތީ އޭރިއަލްގެ ރަތް އިސްތަށިގަނޑު ފަދައިން ސިފަވިއެވެ. ފުރަގަހުން ވެސް އެހަށިގަނޑުގެ ތުނިކަމާއި އުނަގަނޑު ހިމަ ކަން ފާޅުވެއެވެ. އަދި މޫނު ކިހާ ރީތިވާނެ ހެއްޔެވެ؟ އިޔަން ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ބަލަން ހުރެވުނެވެ. "ތީ ކާކު؟ ކިހިނެތް އަހަރެންގެ ނަން އެނގުނީ؟" އިޔަން ވާހަކަ ދެއްކީވެސް ސުވާލު ތަކަކުންނެވެ. "އޯހ ޕްލީޒް! ދި ސޭމް އޯލްޑް ކުއެޝަންތަ؟ ރިއަލީ؟ ތީ ކޮންމެ ބިރުވެރި ފިލްމެއްގަ އާއި ސްޓޯރީއެއްގައި ޖިންނި ކުއްޖާ އާއި ހީރޯ ބައްދަލު ވެގެން ފުރަތަމަ ޑައިލޮގްކޮޅު އިންނަ ގޮތް. އަހަރުމެން ވީނު ތިބައިތައް ސްކިޕްކޮށްލާފަ އެހެން ބައިތަކާއިގެން ކުރިއަށް ދާން. އެހެން ނޫނަސް މިސްޓީރިއަސް ވީމަ ކިހާ ސަޅި. ބޮޑަށް ކްލޯސްވި ވަރަކަށް އެކަކު އަނެކަކުގެ އިންޓްރޮޑަކްޝަން ދޭނީ. ކީކޭ ބުނަނީ؟" އަންހެންކުއްޖާ މޫނު އަނބުރައިލާފައި މާމުއި ފަދަ ފޮނި އަޑުން ނުހަނު ދޫ ހަލުވިކޮށް ޖުމްލަ ތައް އަމުނާލިއެވެ.
ހަތަރުކަޅި ހަމަވުމުން އިޔަންއަށް ހުރެވުނީ ފާޑަކަށް ހުއްޓުން އަރައިފައެވެ. ދޮން ދޮން މޫނު ވަށްވެފައި އެންމެ ރީތިވަރަށް ކޯ ލައިފައި ހުރުމުން ހާދަ މައުސޫމެވެ. ބޮޑު އެންމެ ބޮޑު ދެލޮލަށް ހިޔާ އަޅައިފައިވާ ނުހަނު ކަޅު ކަޅު އެސްފިޔަތައް އެހާމެ ދިގުވެފައި ފުރިހަމައެވެ. ހިތިފަތެއްގެ ބައްޓަމަށް ދެމިފައިވާ ދެބުމައިން ކަނާތު ބުމައިގެ ކުޑަ ތަންކޮޅެއް މަތީގައި ކުޑަ ކަޅުތިލައެއް ހުރެގެން އިޝްތިހާރު ވަނީއެވެ. ބަލައި ފޫހި ނުވާފަދަ ރީތި މޫނެކެވެ. "ސޯ؟ ކީއްވެ ތި ރޮނީ؟" އަންހެން ކުއްޖާ އެސުވާލު ތަކުރާރު ކޮށްލުމުން އިޔަންއަށް ނިއްކުރީގައި އަތް ހާކައި ލެވިއްޖެއެވެ. އިޔަން ޖަވާބެއް ނުދީ ސޯޓުގެ ޖީބަށް އަތް ޖަހާލައިގެން ދާން އެނބުރިލުމާއެކު ސިހިގެން ދިޔައެވެ. އަންހެން ކުއްޖާ ހުރީ އެހާ އަވަހަށް ތެދުވެ އޭނާގެ ކުރިމަތީ ދެއަތް ދަމާލައިގެންނެވެ. "އޭ ގާރލް!" އިޔަން ވާހަކަދައްކަން އުޅުނެވެ.
"ޒޯހާ އެއީ އަހަރެންގެ ނަން. މިސްޓީރިއަސް ވިއަސް އެވަރު ބުނެވިދާނެ." އަންހެންކުއްޖާ އިޔަންގެ ޖުމްލަ މެދުކަނޑާލައިފައި ބުނެލިއެވެ. ލޭ ކުލައިގެ ދެ ތުންފަތް ހުޅުވައިލާފައި ޒޯހާ ހިނިތުން ވެލުމުން އަންނާރު އޮށްތަކެއްފަދަ ދަތްޕިލަވެސް އިޔަންގެ ލޮލަށް ސިހުރެއް ޖެއްސި ކަހަލައެވެ. "އޯކޭ ޒޯހާ... އަހަރެން ބުނެލަން އޮތް އެއްޗަކީ ޕާރސަނަލް ލައިފް ނުދަންނަ މީހުންނާއި ޝެއަރކޮށެއް ނޫޅެމޭ. އައެމް ސޮރީ." އިޔަން މިފަހަރުވެސް ދާންވެގެން ހިނގައިގަތެވެ. "އެކަމަކު ވަތަނިއްޔާ މީހުންވެސް އެކިޔަނީ ލައިފް އިޒް ގުޑް. ޝެއަރ އިޓް." ޒޯހާގެ ކިބައިގައި ކޮންމެ ކަމަކަށް ޖަވާބެއް ވާފަދައެވެ. އިޔަންގެ ސިކުނޑިއަށް ބާރުކޮށްގެން އަނެއްކާވެސް ނިއްކުރީގައި އިނގިލިތައް ހިންގައި ލެވިއްޖެއެވެ. މިއޮތްފަދަ ރޭގަނޑު މިޖެހުނީ ކޮންފަދަ ކަމަކާއި ހެއްޔެވެ؟ "ޕްލީޒް! ލެޓް މީ ގޯ!" އިޔަން ރުޅި އަންނަ ގޮތްވެގެން އަމުރުވެރި ގޮތަކަށް އަޑަށް ބާރުލިއެވެ. ވަގުތުން ޒޯހާގެ ދެލޯ ފުރިގެން ކަރުނަތައް ފައިބައިގަތެވެ. އިޔަންގެ މޭގަނޑު ފިނިވެ މުޅި ހަށިން ހީބިހި ނަގައިގެން ދިޔައެވެ. އެކަރުނަތައް ދެކެފައި ހިތަށް ނުބައި އަސަރުތަކެއް ކޮށްފިއެވެ.
އިޔަން އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޒޯހާ ހިނގައިގެންފައި ގޮސް ވަނީ އިޔަންގެ ފުރަގަހަށެވެ. ސިކުންތެއްވެސް ހިނގައި ދިޔަ ކަމެއް ނޭނގެއެވެ. ދެން އިވުނީ ލޮނުގަނޑު ތެރެއަށް ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑެވެ. އިޔަން ކުއްލިއަކަށް އެނބުރި ބަލައިލި އިރު ޒޯހާގެ ލަކުނުވެސް ނެތެވެ. އިޔަންގެ ދެފައި ހަރަކާތް ކުރީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. ބާރު ބާރަށް ގޮސް ފާލަން ކޮޅަށް ހުއްޓިފައި ލޮނުގަނޑުގެ އެކި ހިސާބަށް ލޯ ހިންގުނެވެ. ފޮނު އަރުވާލައިފައިވާ ލޮނުގަނޑުން ޒޯހާ ބޯ ހިއްލައިލުމުން އިޔަންއަށް މިފަހަރުވެސް އެސްފިޔަޖަހާކަށް ހަނދާނެއް ނުވިއެވެ. ލޮނުގަނޑު ތެރެއިން ފެންނަމުން ދިޔަ އެއީ ޕަރީ އެކެވެ. މިއާވެސް ޒޯހާގެ ކުރިމަތީގައި ސިފައިގެ ގޮތުން ފަހަތަށް ޖެހިލައިފިއެވެ.
ޒޯހާ އެކަނިމާއެކަނި މޫދަށް އެރެން ދޫކޮށްލައިފައި އިޔަން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ގެއާއި ހަމައަށް ދެވުނު ފަހުންވެސް އެއްފަހަރު ފަސްއެނބުރި ބަލައިލެވުނެވެ. ޒޯހާ ހަމަ އެހުރިގޮތަށް ބަލަހައްޓައިގެން ހުރެފައި އަނެއްފަރާތަށް މޫނު އަނބުރައިލީ އިޔަން ބަލައިލީމައެވެ.
ދޮރު ހުޅުވުނު އަޑަށް އެނދުގައި އޮތް މިއާ ލޯ މަރައިލިއެވެ. އިޔަން އެތެރެއަށް ވަދެފައި މިއާ ނިދިފައި އޮތުމުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. ފާޚާނާއަށް ވަދެ މާގަނޑު ދަށުގައި ހުރެގެންވެސް އިޔަންއަށް ހިޔާލު ކުރެވުނީ ދެންމެ ހިނގައިދިޔަ ކަންތަކާއެވެ. އިޔަންގެ ސިކުނޑީގައި ތަފާތު ހިޔާލުތައް ބުރު ޖަހަމުން ދިޔައެވެ. ނުވެސް ދަންނަ ކުއްޖަކު ކުއްލިއަކަށް އައިސް އޭނާގެ ނަން އެނގިގެން އުޅުނު ގޮތާއި އެދަންވަރު މޫދަށް އެކަނިމާއެކަނި މޫދަށް އެރުމުން އާދަޔާ ހިލާފުވިއެވެ.
އިޔަން ތުވާލި އޮޅާލައިގެން ނިކުމެފައި ހަރުވާޅެއް ލައިގެން ގޮސް އޮށޯވެލީ ސޯފާގައެވެ. ލޮލުގައި ނިދީގެ އަސަރެއް ނެތުމުން ހެޑްސެޓް އަޅާފައި ރީތި ލަވައެއް އަޑުއަހަން ފެށިއެވެ. އިރުކޮޅަކުން ވިދުވަރުގެ އަލި ފެންނަން ފެށިއެވެ. އައި ނައި ތަނެއް ނޭނގި ކޮޓަރި ތެރެއަށް ފިނި ވައިރޯޅިއެއްވެސް ވަދެއްޖެއެވެ. އިޔަން ފުންމައިގެން ތެދުވެފައި ވަށައިގެން ހޯދައިލި އިރު ދޮރު ފޮތިގަނޑު ވަޔާއެކު ނަށަމުން ދިޔައެވެ. އެއް ދޮރު ހުޅުވިފައި ހުރިކަން އިޔަންއަށް އެނގުނީ ކައިރިއަށް ގޮސް ހުއްޓުނު ފަހުންނެވެ. ރަނގަޅަށް ވިއްޔާ މިއާ ހަނދާން ނެތިގެން ނުލެއްޕި ހުރީއެވެ. ދޮރު ލައްޕަންވެގެން ކައިރި ވެލުމުން އިޔަންއަށް ފާހަގަ ކުރެވުނީ މޫސުމަށް ކުއްލި ބަދަލުތަކެއް އައިސްފައިވާ ކަމެވެ. ބޭރުގައި ވައިރޯޅިތައް ގަދަވެ އުޑުގައި ރަސްކަން ކުރަމުން ދިޔަ ހަނދު ފޮރުވާލައިފައި ވަނީ އަޅި ވިލާ ތަކުންނެވެ. މިތޫފާނީ ވަގުތު ޒޯހާ އަދިވެސް މޫދުގައި ހެއްޔެވެ؟ އިޔަންއަށް ހިޔާލު ކޮށްލެވުނެވެ.
އިޔަން އެނބުރި އައިސް ދެކޮޅަށް ހިނގާލައިފައި ކޮފީއެއް ބޯ ހިތުން ބަދިގެއަށް ވަނެވެ. ފަހަކަށް އައިސް ކޮފީ އަކީ އިޔަންގެ އެންމެ ގާތް އެކުވެރިޔާއެވެ. މާބޮޑަށް ސިކުނޑިއަށް ބާރު ކުރަން ފަށައިފިނަމަ އިޔަން ބޯލަނީ ކޮފީ އެކެވެ.
ލައިޓް ޖައްސައިލުމުން އިޔަންއަށް ލިބުނީ އިތުރު ސިހުމެކެވެ. ލައިޓްވެސް އަނދަން އެނގުނީ މިވަގުތު ހެއްޔެވެ؟ ހިތާއި ހިތުން ޝަކުވާ ކޮށްފައި އިޔަން މޭޒުގައި އަތް ހާކަމުން ގޮސް ކޮފީ މޭކަރ ކައިރިއަށް ހުއްޓިފައި މަތީގައި ހުރި ކަބަޑެއް ހުޅުވާލައިގެން ކުޑަ ޓޯޗެއް ނެގިއެވެ. އިޔަން ޓޯޗްގެ އެހީގައި މަގަކަށް ކޮފީ އަޅައި ފުރާލައިގެން ނިކުންނަން އެނބުރިލި ތަނުން އަތުގައި އޮތް ޓޯޗް އަތުން ދޫވެގެން ވެއްޓުނީ ތިރިއަށެވެ. ތަރުތީބެއް ނެތި ހާވާލެވިފައިވާ އިސްތަށިގަނޑާއެކު އަނދިރީގެ ތެރެއިން މިއާ ފެނުނީ ހާދަ ބިރުވެރި ގޮތަކަށެވެ.
"މިއާ!" އިޔަންއަށް ގޮވާލެވުނީ އާދައިގެ ވަރަށްވުރެ ބާރަށެވެ. " ސޮރީ... އަހަރެންވެސް ނުނިދިގެން ކޮފީއެއް ބޯލަން އައީ." އިޔަން ސިހުނުކަން އެނގިގެން މިއާ މަޢާފަށް އެދުނެވެ. ތިރީގައި އޮތް ޓޯޗް ނަގާފައި މިއާ ކޮފީ މޭކަރ ކައިރިއަށް ޖެހިލުމުން އިޔަން ނިކުމެގެން ގޮސް އިށީންދެލީ ލިވިން ރޫމް ސޯފާގައެވެ. ދިގު ދޮރުފަތްތައް ކައިރީ ދަމާފައިވާ ލޭސް ކާޓޭންތަކުގެ ތެރެއިންވެސް ބޭރުގެ ވިދުވަރު ރީތިކޮށް ފެނެއެވެ. ދޭތެރެއަކުން ގުގުރާލައެވެ. ބޭރު ތެރޭގައި ދައުރުވަމުން ދިޔަ ވައިގެ އަޑު އޮބިގެން ދިޔައީ ބާރު މިނުގައި އައިސް ފުރާޅުގައި ބޮސްދޭން ފެށި ބޮޑެތި ވާރޭ ތިކި ތަކުގެ އަޑަށެވެ.
އިޔަން ކޮފީ ތަށީގައި ތުން ޖަހާފައި ފުރަތަމަ ކޯވަރު ބޯލިއެވެ. އިރުކޮޅަކުން މިއާ އައިސް އިށީންދެލީ ކުރިމަތީ ވަކިން ހުރި ސޯފާއެއްގައެވެ. "މިއާ ކައިރީ ވާހަކައެއް އަހައިލަންތަ؟" އިޔަންގެ ސިކުނޑިއަށް އުދަނގޫ ވެފައިވާ ވަރުން ސުވާލު ނުކޮށް އިނުން އުދަނގޫވިއެވެ. މިއާ ބޯ ޖަހައިލާފައި ކޮފީ ތަށި މޭޒުމަތީ ބަހައްޓައިފިއެވެ. "އަހަރެން މެމޮރީ ލޫސް ނުވާއިރު ޒޯހާ ކިޔާ ފްރެންޑަކު ހުރިތަ؟" އިޔަންގެ ސުވާލު އަހާފައި މިއާގެ ނިތަށް ރޫ އެރިއެވެ. އެމޫނުން ފެނުނީ ހައިރާން ކަމެވެ. "ނުދެނަހުރިން." މިއާ ޖަވާބު ދިނެވެ. "އޯއު..." އިޔަންއަށް އަޑު ލައްވައިލެވުނެވެ. "ވައި؟" މިއާ އޮޅުން ފިލުވަން ބޭނުންވިއެވެ. "އައި މެޓް ދިސް ގާރލް... އޭނާއަށް އެނގޭ އަހަރެން ނަން އަދި ހީވަނީ އިތުރަށްވެސް އަހަރެންގެ ވަރަށް ގިނަ ކަންކަން އެނގޭހެން..." އިޔަންއަށް ހީވާ އެއްޗެއް ހާމަ ކުރިއެވެ. "ކިހިނެއް ހުންނަ ކުއްޖެއް؟" މިއާ އިތުރަށް އަހައިލިއެވެ. "...އަމް... ކަނާތު ބުމަ މަތީގައި ކަޅުތިލައެއް ހުރޭ." އިޔަން ބުނާނެ އެއްޗެއް ނޭނގިގެން ވިސްނައިލާފައި ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ. މިއާ ބަލަން އިނދެލާފައި ކޮފީ ތަށިން ކޯވަރެއް ބޯލިއެވެ. މިއާ ޖަވާބުގައި ކޮނޑު އަރުވައިލި ގޮތުން އިޔަންއަށް ޖަވާބު ލިބުނެވެ. މިއާ ނުދަންނަ އޭނާގެ އެކުވެރިއަކު ނުވެސް ހުންނާނެއެވެ. އެއީ ޔަޤީނުންވެސް ނުދަންނަ ކުއްޖެކެވެ.
މިއާ ކޮފީތަށި ހުސްކޮށްލައިފައި ތެދުވެގެން ދިޔަ ފަހުންވެސް އިޔަން އިނީ ސޯފާގައެވެ. ދޭތެރެއަކުން ވިދުވަރުގެ އަލި ރޭގަނޑު ދުވާލަށް ހަދައިލައެވެ. ބައެއްފަހަރު ޖަހާ ގުގުރީން ދެ ކަންފަތް ފަޅައިގެންދާ ވަރު ވެއެވެ. އެކަމަކު އިޔަންގެ ހިތަށް އެއިން އެއްވެސް ކަމަކުން ގުޑުމެއް އަރުވައެއް ނުލެވުނެވެ. ސޯފާގައި ވެޑުވިލައިގެން އޮވެ އޭނާ ވިސްނަމުން ދިޔައީ ދާދި ދެންމެ އަކު އޭނާގެ ހަޔާތަށް އައި ނުދަންނަ އަންހެންކުއްޖާ އާއި މެދުގައެވެ. މިއާ ދެ ހަފްތާ ތެރޭގައި މަސައްކަތް ކޮށްގެން ނުހޯދި ސަމާލުކަމެއް ޒޯހާ ހޯދީ ކިހިނެއް ހެއްޔެވެ؟ އިޔަންގެ ހިތުގެ ކަނަކުން އެނުދަންނަ އަންހެންކުއްޖާ އެއީ އޭނާގެ ގާތް ކުއްޖެއް ކަމުގައިވެސް ބުނެފިއެވެ. ދެން އޮތީ އެންމެ އުދަނގޫ ޕާޓެވެ. އޭނާ އެކަން ޔަޤީން ކުރާނީ ކިހިނެއް ހެއްޔެވެ؟ ސުވާލު ކޮށްގެން ޒޯހާ ބުނެދީފާނެ ބާވައެވެ؟ އެހެންވެއްޖެއްޔާ އޭނާ ޖެހޭނީ އަލުން ޒޯހާގެ ކުރިމައްޗަށް ދާށެވެ.
މާބޮޑަށް ސިކުނޑިއަށް ވާންވުމުން އިޔަންގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އެހެންވެ އެބޭކާރު މަސައްކަތް ދޫކޮށްލައިފައި ނިދާލެވޭތޯ އޭނާ ސޯފާގައި ދިގު ދެމިލިއެވެ. ވަރުބަލިވެފައިވާ ހަށިގަނޑުވެސް އެނިންޖަށް ނުހަނު ބޭނުންވެފައި ވި ވަގުތެކެވެ. އެހެންވުމުން ދާދި ފަސޭހައިން އިޔަންގެ ލޯމެރުނެވެ.
******
ހޭވަނި ވެގެން އައި ވަގުތު އަންހެންކުއްޖަކު ހީލައިފިއެވެ. އިޔަންގެ ކަންފަތަށް މާމުއިގެ ފައްވާރާއެއް އޮހިގެން ދިޔަ ފަދައެވެ. ހުރިހާ ހިއްސުތަކަށް ވާންވެލައި ހަށިގަނޑުގެ އެކި ހިސާބުން ހީބިހި ނަގުވައިލިއެވެ. އެސްފިޔަތައް ދުރުކޮށްލުމުން ކުޑަދޮރުން ފޭދިގެން އައިސްފައިވާ ގަދަ އަލީގެ ތެރެއިން އަންހެން ކުއްޖަކު ހުރަސް ކުރިތަން ފެނުނެވެ. އިޔަން ސޯފާގެ އަތްގަނޑުގައި އަތް ވިއްދާލައިފައި ތެދުވަން އުޅެނިކޮށް ނޭފަތުގައި ކޮފީގެ މީރުވަސް ޖެހިފައި އައިސް ކައިރިއަށް ހުއްޓުނު އަންހެން ކުއްޖާގެ މޫނު ފެނުމުން ސިއްސައިގެން ދިޔައެވެ.
"ކިހިނެއްވީ؟" އިޔަން ފުންމައިގެން ތެދުވިތަނުން މިއާ އަހައިލައިފިއެވެ. އެމޫނުން ކަންބޮޑުވުން ފާޅުވިއެވެ. އިޔަން ލޯ އުނގުޅާލައިފައި ރަނގަޅަށް ބަލައިލި އިރު އެއީ މިއާއެވެ. "އަންނާނަން ފާޚާނާއަށް ވަދެފަ." އިޔަން ޖަވާބެއް ނުދީ ތެދުވެގެން ގޮސް ވަނީ ކޮޓަރިއަށެވެ. އިޔަން ހުއްޓުނީވެސް ފާޚާނާއަށް ވަދެވުނީމައެވެ. ހުދު ޓައިލްސް ޖަހާފައިވާ ފާރުގައި ދެއަތް ވިއްދާލައިގެން ހުރެފައި އޭނާ ދެލޯ މަރައި ތަގުޅި ކޮށްލިއެވެ. ފާއިތުވި ދެހަފްތާ ތެރޭގައިވެސް ނުވާ ވަރަށް ހިތަށް އުދަނގޫ ލިބިއްޖެއެވެ. އެންމެ ފަހުން ހޭލާ ހުއްޓާވެސް ޒޯހާގެ ހުވަފެން ފެންނަން ފެށީއެވެ. އަންހެނުންގެ ލޯބި ހިތުގައި ހޭނުލެއްވިގެން އުޅެނިކޮށް މިޖެހުނީ ކިހާ ދެރަ ކަމެއް ހެއްޔެވެ؟
ފެންވަރާލައިގެން އިޔަން ނިކުތްއިރު މިއާ އަދިވެސް އިނީ ސިޓިންރޫމް ސޯފާގައެވެ. އިޔަންގެ ފިޔަވަޅު އަޑު އިވިގެން މިއާ ކުއްލިއަކަށް ތެދުވެފައި ހިހޫ ވެފައިވާ ކޮފީތަށި ހިފައިގެން ބަދިގެއަށް ވަނެވެ. އިޔަންވެސް ފަހަތުން ވަދެއްޖެއެވެ. "ކޮބާ މިއަދުގެ ޕްލޭންއަކީ؟ ޒިޔާން ނުގުޅާތަ؟" މިއާ އިތުރު ކޮފީއެއް ހަދަން ހުއްޓައި އިޔަން ސުވާލު ކުރިއެވެ.
"ބައްޕަ ގުޅި." މިއާ ބުނެލީ އެހެން ވާހަކައެކެވެ. "ކީކޭ ބުނީ؟ ކޮންއިރަކުންހޭ މާލެ ދަނީ؟" މިއާ ކޮފީ މަގު ދިއްކޮށްލަމުން ބަލަން ހުރީ އިޔަންގެ މޫނަށެވެ. އިޔަންގެ ހިތުގައި އޮތް އެއްޗެއް އޮޅުންފިލުވަން އޭނާ ނުހަނު ބޭނުންވިއެވެ. "އަދި ނުވެއެއްނު." އެ ޖަވާބު އަހާފައި މިއާއަށް ފިނި ނޭވައެއް ދޫކޮށްލެވުނެވެ. ނަސީބެކެވެ. މާލެ ގޮއްސިއްޔާ މަންމަ އާއި ބައްޕައަށް ޚިދުމަތް ކޮށްދީފައި އިޔަންއަށް އޭނާއަށް ދޭނެ ފުރުސަތެއް ނޯންނާނެއެވެ. އެވަރު ބޮޑު ގެއްލުމަކާއިއެކު ކޯމާއިން އައި ފަހުންވެސް އިޔަން ގޭގައި އަރާމު ކުރަން ނުހުރެ މަސައްކަތުގެ ދާއިރާއަށް ނިކުންނަން ފެށީ ހަނދާންތައް އިއާދަ ވާން ފަސޭހަވާނެ އޭ ބައްޕަ ބުނީމައެވެ. އެބައްޕަ ބުނެފިއްޔާ އިޔަން ހުންނާނީ ފުރާނަ ދޭންވެސް ތައްޔާރަށެވެ. އެންމެ ފަހަރަކު ނޫނީއެވެ. އެފަހަރު އިޔަންއަށް ޖެހުނު މުސީބާތް ނިކަން ދެކިބަލާށެވެ. ހަޔާތުން ދިހަ އަހަރު ގެއްލުނީއެވެ. އެކަމަކު ކަށީގައި ހިފާފައިވާ އާދައަކަށް ވުމުން މިއަދު އަނެއްކާވެސް އިޔަން އެބައްޕަގެ އަޅަކަށް ވެ ނިމިއްޖެއެވެ.
ޤުރޫޕްގަނޑު އައީ ދެމަފިރީން މޭޒު ދޮށުގައި ކޮފީ ބޯން ތިއްބައެވެ. މިއާ އެތައް ވާހަކައެއް ބުނަން ބޭނުންވެ އިސްނަގަން ނުކެރިފައި އިންދާ ޒިޔާން ވަނުމުން ތުންކޮޅު އޫކޮށްލެވުނެވެ. "އޭ ހިނގާ ދާން. މިއައީ ސާރފް ބޯޑްތައް ހިފައިގެން. މޫސުމްވެސް ވަރަށް ނަލަ. ވައިރޯޅިތައް ހުރީ އެންމެ ބެސްޓްވަރަށް" ޒިޔާން ހިނިއައިސްފައި އައިސް ހުއްޓިލީ އިޔަން އިން ގޮނޑި ކައިރިއަށެވެ. ރީހާން ވަނީ އޭގެ ފަހުންނެވެ. "ދެމީހުން ކޮފީ ބޯންވީނު." މިއާ އެތެރެ އެތެރެއިން އަނދަމުންވެސް މެހުމާން ދާރީ އަދާކުރަން ފަހަކަށް ނުޖެހެއެވެ. "ނޫނޭ. މިއައީ ސައިބޯލައިގެން." ރީހާން ދެކޮޅު ހެދިއެވެ. ޒިޔާން ވެސް ބޯ ހޫރުވައިލި އެވެ.
އިޔަން އެތެރެއަށް ވަދެ ސޯޓަކަށް ހަދާލައިގެން ނިކުމެފައި ތިން އެކުވެރީން ގެއިން ނިކުތެވެ. މިއާ ކުދި ކިޔަން ހުރެގެން ކޮފީ މަގުތައް ދޮވެ ނިންމާލި އިރު ލޮލަށް ކަރުނަ ގިނަ ވެއްޖެއެވެ. ތުންފަތުގައި ދަތް އަޅައިލާފައި މިއާ އެކަރުނަތައް ދިރުވައިލިއެވެ. ހަޔާތުގައި އޭނާ ފުދޭވަރަށް ކަރުނަ އަޅައިފިއެވެ. ޅައިރުއްސުރެ މިހާތަނާއި ޖެހޭންދެން ކޮންމެ ބަދުނަސީބެއްގައި އޭނާ މާޔޫސްވިއެވެ. އެކަމަކު ދެން އޮތީ ހިތްވަރާއިއެކު ހާސިލް ކުރުމެވެ. ކޮންމެ ކަމަކާއިވެސް ކެރިގެން ކުރިމަތިލުމެވެ. ބޮޑެތި ކަންތައްތައް ވާނީ އުދަނގުލުންނޭ މީހުން ބުނެއުޅެއެވެ. ހަމައެކަނި އޮތް ކަމަކީ މަސައްކަތް ކުރުމެވެ. މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ނުވާނެ އެއްކަމެއްވެސް ނެތެވެ. ހިނިވެސް ފަރުބަދަ ކަނޑައެވެ.
ސާފު ނޫ އުޑުގައި ރޮގު ރޮނގަށް ފެންނަން ހުރި ހުދު ވިލާތައް އެއީ ކުރެހުން ތެރިއެއްގެ ފިއްސަކުން ހަދާފައިވާ ޑިޒައިންތަކެއް ފަދައެވެ. ވިލު ނޫކުލައިގެ ލޮނުގަނޑު ކަފަމުން ތިން ސާރފް ބޯޑް ދާދި އެއް ހަމައެއްގައި އޮވެގެން ވަޔާއި އެއްކޮޅަށް ކުރިއަށް ދިޔައެވެ. މިއާ ސައި ހަދައި ނިންމާލައިފައި އިނީ ވެލިގަނޑަށް ފައިބަން ހަދާފައިވާ ސިޑިކޮޅުގައި އިށީންދެއެވެ. މިއާ ލައިގެން އިން ޖިންސް ސޯޓްކޮޅާއެކު އަތަށް ސަން ލޯޝަން ކޮޅެއް އަޅާލައިފައި ހަތަރެސްފައިގައި ހާކަން ފެށިއެވެ. އެކަމުން ނިމިގެން ދުރުގައި "ވިންޑް ސާރފް" ކުރަމުން ދިޔަ ޒުވާނުންނަށް ހުއްޓައިލިއެވެ. މަޑު ހަޅޭކަކާއެކު މިއާއަށް ފުންމައިގެން ތެދުވެވުނެވެ. ސެއިލް އަރިއަޅާލުމުގެ ތެރޭގައި އިޔަން ވަދެގެން ދިޔައީ ލޮނުގަނޑު ތެރެއަށެވެ. މިއާ ދެފަރާތަށް ބޯ ހޫރުވާލައިފައި ދުވެގޮސް ރާޅު ޖަހާ ހިސާބަށް ހުއްޓުނުއިރުވެސް އިޔަން ބޯ ހިއްލައެއް ނުލިއެވެ. ކައިރީގައި އޮތް ދެބޯޑްގައި ތިބި ރީހާން އާއި ޒިޔާންވެސް އެކަކު އަނެކަކަށް ބަލާލައިފައި އިޔަން ވެއްޓުނު ދިމާއަށް ފުންމާލީ އެވަގުތުއެވެ.
(ނުނިމޭ)