01 Jul 2013, 21:13
އިނގިރޭސިވިލާތުގެ ޕްރިމިއާ ލީގުގެ ޗެލްސީ ފުޓްބޯޅަ ކްލަބްގެ ވެރިއަކަށް ރަޝިޔާގެ މަހުޖަނެއް ކަމަށްވާ ރޯމަން އަބްރަމޮވިޗް ހަވާލުވިތާ މިއަދަކީ ދިހަ އަހަރު ފުރުނު ދުވަހެވެ.
އަބްރަމޮވިޗް ޗެލްސީ ގަނެފައިވަނީ 2003 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހު 140 މިލިޔަން ޕައުންޑަށެވެ. އަދި ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ޗެލްސީގެ ކޯޗުން 10 ފަހަރު ބަދަލު ކޮށްފައިވާއިރު ކޯޗުންނާއި ކުޅުންތެރިންގެ ޓްރާންފާ ފީއަށް 700 މިލިޔަން ޕައުންޑް ހަރަދުކޮށްފައިވެ އެވެ.
އަބްރަމޮވިޗް ޗެލްސީއާ ހަވާލުވުމަށްފަހު އެ ކްލަބް ހޯދާފައިވާ ކާމިޔާބު ތަކުގެ ތެރޭގައި، ޗެމްޕިއަންސް ލީގު ޓްރޮފީއަކާއި، ޔޫރޮޕާ ލީގު ޓްރޮފީއެއް، ޕްރިމިއާ ލީގު ތިން ފަހަރު، އެފްއޭ ކަޕް ހަތަރު ފަހަރު އަދި ލީގް ކަޕް ދެ ފަހަރު ހޯދާފައި ވެއެވެ.
އަބްރަމޮވިޗްގެ ވެރިކަމުގައި ޗެލްސީއަށް 9 ކޯޗުން ގެނެސްފައިވާ އިރު މިހާރު އެ ކްލަބްގެ ކޯޗު ހޯސޭ މޮރީނިއޯއަކީ ކްލަބްގެ ކޯޗަކަމަށް ދެވަނައަށް ގެނައި ކޯޗެވެ. އަދި ކާމިޔާބު އަހަރު ތަކަކަށްފަހު އޭނާ ކްލަބް ދޫކޮށް ދިއުމަށްފަހު ހަތް ކޯޗުން ބަދަލު ކުރިފަހުން އޭނާ އެނބުރި ޗެލްސީއާ ގުޅުނީ މި އަހަރު އެވެ.
އަބްރަމޮވިޗް ޗެލްސީއަށް ގެނައި ކޯޗުންގެ ތެރޭގައި، ކަލައުޑިއޯ ރެނެއިރީ، ހޯސޭ މޮރީނިއޯ، އޯރަމް ގްރާންޓް، ލުއިޒް ފެލިޕޭ ސްކޮލާރީ، ގޫސް ހިޑިންކް، ކާލޯ އެންޗެލޮޓީ، އަންދްރޭ ވިއަސްބޮއަސް، ރޮބާޓޯ ޑިމެޓިއޯ، ރަފާ ބެނިޓޭޒް ހިމެނެ އެވެ.
ފުޓްބޯޅަ ދެކެ އިންތިހާއަށް ލޯބިވާ ރޯމަން އަބަރަމޮވިޗް، ޗެލްސީ ގަތްފަހުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެމުން އައީ، ޗެމްޕިއަންސް ލީގުގެ ތަށި އެ ކްލަބަށް ހޯދައި ދިނުމެވެ. އެގޮތުން އޭނާގެ އެ ހުވަފެން ހަގީގަތަކަށް ވެގެންދިޔައީ، މި ދިޔަ ސީޒަންގެ ކުރީ ސީސަންގައެ އެވެ.
ރަޝާގެ އިރުއުތުރު ޝަހަރެއް ކަމަށްވާ ޗުކޮޓްކާގެ ގަވަރުނަރެއްގެ ގޮތުން ހަ އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ސިޔާސީދާއިރާއާ ދުރަށް ވަޑައިގެންނެ އަބްރަމޮވިޗަކީ، އުމުރުން އެންމެ ތިން އަހަރުގައި މަންމައާއި ބައްޕަ ނިޔާވެ ޔަތީމު ހާލުގައި ބޮޑުވި ވިސްނުން ތޫނު ޝަހުސިއްޔަތެކެވެ.
ގާނޫނޫ ދާއިރާއިން ޑިގްރީ ހައްދވައިގެން ހުންނެވި އަބްރަމޮވިޗަށް މުއްސަނދިކަން ލިބިގެން ދިޔައީ ތެލާއި އެލްމިނިއަމް އަދި އެއާލައިން އެރޯފްލޮޓްގެ ވިޔަފާރިންނެވެ. އަދި މިހާރު އޭނާގެ މިލްކިއްޔާތުގައި ދަނގަޑާއި، ބޭސް އުފައްދާ ކާރުހާނާތަކާއި، ކާބޯތަކެއްތި އުފައްދާ ފެކްޓަރީތައް ހިމެނޭ އިރު އޭނާގެ މިލްކިއްޔާތުގެ އަގު، 10.8 ބިލިޔަން ޕައުންޑަށް އަރައެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަފަދަ ބާރެއްގެ ގޮތުގައި ޗެލްސީ ބޭއްވުމަށްޓަކައި ފެށުނީއްސުރެން ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނަ މުއްސަނދި މަހުޖަން، މި ސީޒަންގައިވެސް ދަނީ ޗެލްސީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ދުނިޔޭގެ މޮޅެތި މަޝްހޫރު ކުޅުންތެރިން އެ ކްލަބަށް ހޯދަމުންނެވެ.