01 Jul 2013, 18:51
އެޓާނީ ޖެނަރަލް އައިޝަތު ބިސާމަށާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރާއި ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް މަޖިލީހުގެ ރުހުން ދިނުމުގެ މައްސަލާގައި ސަރުކާރުން ޕީޕީއެމާ އެކު މަޝްވަރާ ކޮށްފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ސަރުކާރުން ޕީޕީއެމްއާ މަޝްވަރާކޮށްފައި ނެތުމުން އެނގެނީ ސަރުކާރުން ވެސް އެ ބޭފުޅުނަށް ރުހުން ދޭން ބޭނުން ނުވުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އިން ވެސް އެންމެ އިސްކަމެއް ދެނީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި މި އަދުގެ ވޯޓުގައި ޔާމީނަށް ބައިވެރިވެވަޑައިނުގެންނެވުނީ ކެމްޕެއިން ދަތުރެއްގައި ރާއްޖެތެރެ އަށް ވަޑައިގަންނަވަން ޖެހުމުން ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހިނގަމުންދާ ދުވަސްވަރެއްގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ސަރުކާރުން މަޝްވަރާކުރައްވާފައި ނެތުން އަޅުގަނޑުމެން ދެކެނީ އެއީ ސަރުކާރުން ވެސް އެ ބޭފުޅުންނަށް ވެސް ރުހުން ހޯދަން ބޭނުން ނުވަނީ [ކަމަށް]،"
އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި، އެ މައްސަލަ އެޖެންޑާ ކުރި ފުރަތަމަ ދުވަހު ވެސް ސަރުކާރުން ޕީޕީއެމްއާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
"މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުރަތަމަ އެޖެންޑާ ކުރީ. އެ ދުވަހު ވެސް މަޝްވާރާއެއް ނުކުރައްވާ. އަދި ކިހިނެތްތޯ އޮތީ ވެސް ނާހާ. ދެން މި ފަހަރު ވެސް އެއްވެސް މަޝްވަރާ ކުރައްވާ ފައެއް ނުވޭ. އަޅުގަނޑަކާ ވެސް އަދި އަޅުގަނޑުމެންގެ އެހެން ބޭފުޅަކާ ގުޅުއްވައިގެން ރުހުން ހޯދުމަށް މަސައްކަތް ކޮށްފަ އެއްނުވޭ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ވޯޓުނަގާ ވަގުތު މަޖިލީހުގައި ތިއްބެވި ހުރިހާ ޕީޕީއެމްގެ މެންބަރުން ވަޒީރުނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރުނު ކަމަށެވެ. ނަމަވެސް އެ ވިޕާ ހިލާފަށް ބައެއް މެންބަރުން ވޯޓުދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީން ފެއިލްވެވަޑައިގެންނެވި އުމަރު ނަސީރާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނަކީ ސިޔާސީ ގޮތުން ބުރަދަނެއް ހުރި ބޭފުޅުންނެއް ނޫން ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުނަށް ވަނީ ފާޑުވިދާޅުވެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވެފައި ވަނީ އުމަރު ނަސީރު ފަދަ ސިޔާސީ ގޮތުން ބުރަދަނެއް ނެތް ބޭފުޅެއްގެ ވާހަކަ އަޑު ނޭހުމަށް ގޮވާލާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ސާބިތުކަމާ އެކީގަ މި ދަންނަވަނީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ބޭފުޅެކޭ [ އުމަރު ނަސީރަކީ.] ސިޔާސީ މައިދާނުން އެކަން ސާބިތުވެއްޖެ. އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި ވާދަކުރެއްވީ ބާތިލު ވޯޓާ [އެއްވަރަށް ވެސް ވޯޓެއް ނުލިބޭ]. އަދި މި ފަހަރު ޕާޓީގެ ނައިބު ލީޑަރު ކަމުގައި ހުންނަވައިގެން ޕްރައިމަރީގައި ވެސް ވާދަކުރައްވައިގެން އެ ބޭފުޅާ ވަނީ ފެއިލްވެވަޑައިގެންފައި، އެހެންވީމާ އެއީ ސިޔާސީ ބޭފުޅުންގެ ގޮތުގައި އެ ބޭފުޅުން ނުދެކޭ،" އޭނާ ވިދާޅުވި އެވެ.