ރައްޔިތުންގެ މަޖިލީހުން ވަޒީރަކަށް ރުހުން ނުދެއްވިޔަސް، އެ ވަޒީރަކު މަގާމުގައި ދެމިހުންނެވުމާ މެދު ސުވާލު އެފެދުމުގެ ޖާގައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.


ރައީސް އޮފީހުން މިހެން ބުނެފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގައި އުފެދިފައިވާ ބަހުސްތަކާ ގުޅޭ ގޮތުން ސަރުކާރުގެ ނިންމެވުން މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާނެ ކަމަށް އެ އޮފީހުން ހާމަކުރިތާ، ކުޑައިރުކޮޅެއް ފަހުން ނެރުނު ބަޔާނެއްގަ އެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ބުނަނީ، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމާ ބެހޭ ގޮތުން ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބުނެފައިވާ ގޮތުގެ މަތިން، ޤާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އިން އިތުރު ކަންކަން ހިމަނާފައި އޮތުމުން ޤާނޫނު އަސާސީގެ ބުނެވިދިޔަ މާއްދާތަކުގެ ބާރު ކެނޑޭ ކަމަށް ފާހަގަކުރެވޭތީ އަދި 171 ވަނަ މާއްދާގެ (ވ) ގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަކީ، ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ފެންނާތީ، މި ރައުޔަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާ ކަމަށެވެ.


އަދި އެޓަރނީޖެނެރަލްގެ އޮފީހުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، ބެލުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ކުރައްވާފައިވާ ޙުކުމުގައި، ސުޕްރީމް ކޯޓުގެ 6 ފަނޑިޔާރުންނަށް ފާހަގަކުރެއްވުނު ނުކުތާތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގައި ފުރިހަމަވެފައިވުން ލާޒިމްވާ ޝަރުޠުތައް ޤާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައި އޮތްކަމާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެ ޙާލަތުތައް، އެ މާއްދާގެ (ށ) ގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވާފައިވެ އެވެ.


އަދި ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރައުޔުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވަޒީރެއްގެ މަގާމުން ވަކިވާނީ ނުވަތަ ވަކިކުރެވޭނީ ހަމައެކަނި ޤާނޫނު އަސާސީގެ 137 ވަނަ މާއްދާގެ (ހ) އާއި 139 ވަނަ މާއްދާ އާއި، 130 ވަނަ މާއްދާގެ (ށ)ގެ 1 އާއި، 130 ވަނަ މާއްދާގެ (ށ) ގެ 2 އާއި، ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މާއްދާތަކުގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ފާހަގަކުރައްވާފައިވެ އެވެ.


"މިގޮތަށް މިކަންކަން ހުރުމާ އެކު، ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވިޔަސް، އެ ވަޒީރަކު މަގާމުގައި ދެމިހުންނެވުމާ މެދު ސުވާލު އުފެދުމުގެ ޖާގައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަ އެވެ" ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.