20 Mar 2010, 10:28
އަދުލު އިންސާފު ޤާއިމްކުރުމާ މެދު ރައްޔިތުންގެ އިތުބާރުކުޑަވެފައިވާ ކަމަށް ބުނެ، އެ ކަންތައް ރަނގަޅު ކުރުމަށް ޕްރޮގްރާމެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އެންމެ ފަހުން ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދާއި މަނިކާ ސުވާލުކުރެއްވުމަށް ހުޅުވާލައިފައިވާ ފުރުސަތުގައި ކަމަށް ސަރުކާރުގެ ގެޒެޓްގެ ބުދަ ދުވަހުގެ އަދަދުގައި ބުނެފައިވެ އެވެ.
އަދި އެ ދުވަހުގެ ޖަލްސާގައި އެކަމާ މެދު މަޝްވަރާކުރެއްވުމަށް ފަހު އެކަންތައް ރަނގަޅުކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގެވުމަށްޓަކައި ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައްވާފަ އެވެ. އެކޮމިޓީގައި ހިމެނިވަޑައިގެންނަވާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވަނީ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ވަޙީދާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް މުހައްމަދު ޝިހާބާއި، އެޓާނީ ޖެނެރަލް ހުސްނުއްސުއޫދާއި، މިނިސްޓަރ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވައިރަންމަންޓް މުހައްމަދު އަސްލަމް ކަމަށް ސަރުކާރު ގެޒެޓުގައި ބުނެފައިވެ އެވެ.