ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްތަކުން ބޯފެން ހުސްވާ މައްސަލަ ހައްލު ކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ފެނުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކުރީ 10 ރަށެއްގައި ހުރި ފެން އުފައްދާ މެޝިންތައް މަރާމާތު ކުރުމުގެ މަސައްކަތެވެ. އެންވަޔަރްމެންޓް މިނިސްޓްރީގެ އެހީތެރިކަމާ އެކު އެ މަސައްކަތް ކުރުމަށް ދެފަރާތުން މިއަދު ވަނީ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފަ އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ ކަނޑައަޅާ ވަކި ރަށްތަކެއްގައި ފެނުގެ ނިޒާމު ގާއިމްކޮށް، އެ ރަށްތަކުން އެހެން ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ.

"ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދޭ، އޭގެ ތެރޭގައި މިހާރު ޕްލޭން ކުރެވިފައި މިވަނީ ރާއްޖޭގައި ކަނޑައެޅިފައި ހުންނަ ސަރަހައްދީ ރަށްތަކެއްގައި ފެނުގެ ނެޓްވޯކް ގާއިމްކޮށް، އެތަންތައް މެދުވެރިކޮށް އެ ސަރަހައްދަށް ފެން ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން،" އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުލް މަތީނު މުހައްމަދު ވިދާޅުވި އެވެ.

މަތީނު ވިދާޅުވީ ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމަށް ވަގުތީ ގޮތުން ކުރެވެން ހުރި ކަންތައްތައް ވެސް ބަލަމުން އަންނަ ކަމަށެވެ. ސުނާމީގެ ފަހުން ބައެއް ރަށްރަށް ލިބި، އެހެން ނަމަވެސް ބޭނުން ނުކުރެވި ހުރި ފެން ޕްލާންޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކުރީ އެގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރާނީ މިނިސްޓްރީއާ ގުޅިގެން ކަމަށާއި އެ މަސައްކަތަށް ސަރުކާރުން އެއް މިލިޔަން ރުފިޔާ ހަރަދު ކުރާނެ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

"ސަރުކާރުން މި މުޅި މަސައްކަތް ކުރުމުގެ ބަދަލުގައި ފެނަކައާ ގުޅިގެން މި މަސައްކަތް ކުރަނީ، އެހެންވީމާ ފެނަކައިން ވެސް މީގައި ހަރަދުތަކެއް ކުރާނެ، ސަރުކާރުން މިއަށް މިހަރަދު ކުރަނީ ގާތްގަނޑަކަށް އެއްމިލިޔަނެއްހާ ރުފިޔާ،" މަތީން ވިދާޅުވި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފެން ޕްލާންޓްތައް މަރާމާތުކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ރަށް ތަކަކީ ހއ. ދިއްދުއާއި ށ. ފުނަދުއާއި ނ. ވެލިދޫ އަދި މަނަދޫ އާއި ރ. އަލިފުށި އަދި މަޑުއްވަރީއާއި ބ. ހިތާދޫއާއި ލ. އިސްދޫއާއި ގއ. ވިލިނގިއްޔާއި ގދ. ގައްދޫއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރް އަބުދުލް މަތީނު މުހައްމަދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރް އަހުމަދު ނިމާލުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިމާލު ވިދާޅުވީ ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.