01 Jul 2013, 16:01
ބަންޑާރަ ނައިބު އައިޝަތު ބިސާމަށާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރަށް މަޖިލީހުގެ ރުހުން ނުލި ބުނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން މަޖިލީހުގެ ވޯޓުގައި ބައިވެރިނުވުމުން ކަމަށް ވިދާޅުވެ އެ މައްސަލާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވާހަކަފުޅު ދައްކަވައިފި އެވެ.
މަޖިލިސްކުރާގެ ކައިރި މިއަދު މެންދުރު ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ތަސްމީން ވިދާޅުވީ މިއަދު ދެ ވަޒީރަކަށް ރުހުން ނުލިބިދިޔައީ އަބްދުﷲ ޔާމިނާއި އެނާ އަށް ތާއިދުކުރާ ބަޔަކު ވޯޓުގައި ބައިވެރިނުވެ މަޖިލީހުން ނިކުތުމުން ކަމަށެވެ.
"ޕީޕީއެމްގެ ފަރާތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިން އިސްކޮން ހުންނަވައިގެން އަބްދުﷲ ޔާމިނާއި އޭނާ އަށް ތާއިދުކުރައްވާ ބައެއް ބޭފުޅުން [ވޯޓުލި ގަޑީގައި މަޖިލީހަށް،] ހާޒިރުވެ ވަޑައިނުގަތީ. އޭގެ ނަތީޖާއެއް ގޮތުން ދެ ވަޒީރަކަށް ރުހުން ނުލިބިދިޔައީ،" ތަސްމީން ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ޕީޕީއެމުން ބައިވެރިނު ވަނީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުﷲ ޔާމީން އުޅުއްވަނީ ޕާޓީގެ ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫ ސިޓީގަ އެވެ. ނަމަވެސް އެ ޕާޓީގެ އެހެން މެންބަރުން ވަނީ އެ ވޯޓުގައި ބައިވެރިވެފަ އެވެ.
ތަސްމީން ވިދާޅުވީ ސަރުކާރު ދަމަހައްޓަން ޕީޕީއެމް މަސައްކަތް ކުރާ ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް މިއަދު "ޔާމިންގެ ޚަޞީލަތް އެނގިގެން" ހިނގައްޖެ ކަމަށާއި އެކަން އިންތިހާބު ކުރިން އެނގިގެން ދިއުން އެއީ ނަސީބެއް ކަމަށެވެ. އަދި ވިދާޅުވީ މުހައްމަދު ނަޝީދުގެ ސަރުކާރުން ޔާމިން ހައްޔަރުކުރުމާ ގުޅިގެން އޭނާ ސަލާމަތް ކުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެކަކީ އާޒިމާ ޝުކޫރު ކަމަށާއި ޔާމީން އާޒިމާ އަށް ވޯޓު ނުދިނުމުން ޔާމީނަކީ އިންސާނިއްޔަތުގެ ގޮތުން ވެސް ކޮން ކަހަލަ މީހެއް ކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައިގެން ހުރި މީހަކާ މެދު ގޮތެއް ނިންމާއިރު އެ މީހަކީ އިންސާނިއްޔަގެ ގޮތުން ކިހާވަރެއްގެ މީހެއްތޯ ވެސް ވިސްނާނެ. ޔާމިން އަޅުގަނޑުމެން ހަނދާން އެބަހުރި ގާނޫނާއި ގަވާއިދާ ހިލާފަށް އަބްދުﷲ ޔާމިން އޭރު އޮތް ރައީސް ނަޝީދުގެ އަނިޔާވެރި ސަރުކާރުން ބަންދުކޮށްގެން އުޅުނު އިރު ކަންތައްތައް ހިނގައި ދިޔަ ގޮތް. އޭރު ރެއާ ދުވާލު ޔާމީންގެ އަރިހުގައި ހުންނަވައިގެން ރެއާދުވާލު ޔާމިން އެ ނުހައްގު ބަންދުން ދޫކޮށްލުމަށް އެންމެ މަސައްކަތްކުރެއްވީ އާޒިމާ ޝުކޫރު. އާޒިމާ ޝުކޫރަކީ މީގެކުރިން ޕީޕިއެމުން ރުހުން ދީފައިހުރި މީހެއް. ސިޔާސީ ބޭނުމަށްޓަކައި އާޒިމާ އަށް ރުހުން ނުދީ އެކަމުގައި އިސްކޮށް ޔާމިން ހުންނެވީމާ އިންސާނިއްޔަތުގެ ގޮތުން ކިޔާވަރެއްގެ މީހެއްކަން ރައްޔިތުނަށް އެނގިގެން ހިނގައްޖެ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޕީޕީއެމްގެ ތެރެއިން ބަޔަކު ސަރުކާރުން ފޮނުވި ނަންތަކަށް ރުހުން ނުދެއްވި ނަމަވެސް މިހާރު ސަރުކާރު ދެމެހެއްޓުމަށް ރައްޔިތުންގެ ސަޕޯޓު ވެސް އަދި ރައްޔިތުން މަޖިލިސް ތެރޭގައި ވެސް ސަޕޯޓު ވެސް އެބަ އޮތް ކަމަށެވެ.
އޭގެ އިތުރުން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގައި ޕީޕީއެމްގެ މެންބަރުން އެކި ގޮތަށް ވޯޓުދެއްވާފައި ވާތީ ޕީޕީއެމް މެންބަރުންގެ މެދުގައި ބައިބައި ވުމެއް އުޅޭކަން އިނގެން ހިނގައްޖެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީންގެ ވާހަކަފުޅުތަކާ ގުޅޭ ގޮތުން ޔާމީންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އޭނާ އަށް ގުޅާލުމުން ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫގައި ބިޒީކޮށް އުޅުއްވާތީ، ފަހުން އެއްޗެއް ވިދާޅުވާނެ ކަމަށް ވިދާޅުވި އެވެ.
ތިން ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބިސާމަށް ރުހުން ނުލިބުނީ ދެކޮޅަށް އަދި އެއްކޮޅަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު އެއްވަރުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓާ އެކު ރުހުން ނުދިނުމަށް 33 މެންބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ތެރެއިން 32 މެންބަރުން ވޯޓު ދެއްވީ ބިސާމަށް ރުހުން ދިނުމަށެވެ. އެ ވޯޓުގައި ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތަޅުމުގައި އިންނެވީ ފެލިދޫ ދާއިރާގެ މެންބަރު ޔޫސު ނައީމެވެ.
އާޒިމާއަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ އަޣުލަބިއްޔަތު ލިބުނީ އޭނާ އަށް ރުހުން ނުދިނުމަށެވެ. އަދި އާޒިމާ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ.
އާޒިމާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންނާ އެކު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހުލޫފު ވޯޓު ދެއްވި އެވެ.