01 Jul 2013, 15:27
މިހާރު ކުރިއަށްދާ ޕޮލިސް ޔޫތް ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތަށް ނިމި މުބާރާތުގެ ކުއާޓާ ފައިނަލުން ޓީމުތައް ޖާގަ ހޯދައިފި އެވެ.
އެގޮތުން މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިފައިވަނީ، ޓީނޭޖް ޖޫނިއަރސް އާއި ޔޫއެން ފްރެންޑްސް އާއި އެލްޓީ ސްޕޯޓްސް އާއި އެފްސީ ބެންކިއު އާއި ސްޕޯޓްސް ކްލަބު ރިވަލްސާ އާއި ޓީމް ބީޗް ބޯއީސްގެ އިތުރުން އެފްސީ ސްކޫލިއަން އެކްސް އެވެ.
އެ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:15ގަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ވާދަކުރާނީ، ގްރޫޕް އޭގެ އެއްވަނަ ހޯދި ޓީނޭޖް ޖޫނިއާސް އާއި ގްރޫޕް ސީގެ ދެވަނަ ހޯދި ޔޫއެން ފްރެންޑްސްއެވެ. ހަމަ އެދުވަހު ހަވީރު 5:15 ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ އެއް ވަނަ ޓީމް ކަމަށްވާ އެލްޓީ ސްޕޯޓްސް އާއި ގްރޫޕް ޑީގެ ދެވަނަ މަގާމް ހޯދި އެފްސީ ބެންކިއު އެވެ.
އަންގާރަ ދުވަހުގެ ރޭ 8:30ގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ގްރޫޕް ސީގެ އެއް ވަނަ ޓީމްކަމަށްވާ ސްޕޯޓްސް ކްލަބު ރިވަލްސާ އާއި ގްރޫޕް އޭގެ ދެވަނަ ޓީމްކަމަށްވާ ޓީމް ފެންސީ ވާދަކުރާއިރު ކުއާޓާގެ ފަހު މެޗުގައި ވާދަކުރާނީ ގްރޫޕް ޑީގެ އެއްވަނަ ޓީމްކަމަށްވާ ބީޗް ބޯއީސްއާއި ގްރޫޕް ބީގެ ދެވަނަ ޓީމްކަމަށްވާ އެފްސީ ސްކޫލިއަން އެކްސްއެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 9:30ގަ އެވެ.
ކުށްމަދު އަމާން ވެއްޓެއްގައި އުޅުމުގެ ފުރުސަތު ޒުވާނުންނަށް ތަނަވަސްކޮށްދީ، ޒުވާނުންގެ ހުސްވަގުތުތައް ހެޔޮގޮތުގައި ހޭދަކުރުމަށާއި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ ކުޅިވަރުގައި ކުރިއަށް ދިޔުމަށް މަގުފަހި ކޮށްދިނުމުގެ މަގުސަދުގައި މިއަހަރު އަލަށް ފެށި ޕޮލިސް ޔޫތް ޗެލެންޖްގެ މެޗުތަށް ކުރިއަށް ގެންދަނީ މާފަންނު ސްޓޭޑިއަމްގައި އަމީނީ މަގުގައި ހުންނަ ޓްރެފިކް ޕޮލިސް ކުރިމަތިން އޮންނަ ދަނޑުގަ އެވެ.