01 Jul 2013, 15:24
މިސްރާއި ތުރުކީގައި ހިންގާ ހަމަނުޖެހުންތަކާ ގުޅިގެން ޓޫރިސްޓުން ރާއްޖެ އަންނަން، ފަހު ވަގުތު ހަދާ ބުކިންތައް އިތުރުވާން ފަށައިފި އެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ގެންނަ އެއް އެޖެންޓް، އޭސް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެ އައުމަށް، ފަހު ވަގުތު ހަދާ ބުކިން މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ.
"މިސްރު ގާތްގަނޑަކަށް ހުއްޓިފައި އެއޮތީ. އެއީ ވަރަށް މުހިންމު މަންޒިލެއް. އަދި ތުރުކީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެހެން މަންޒިލްތަކަށް އެބަ ދަތުރުކުރޭ،" އޭނާ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ ފަހު ވަގުތު ބުކިން ހަދާފައިވާ 100 އަށް ވުރެ ގިނަ މީހުން ފްލައި ޑުބާއީގެ އިއްޔެގެ ފްލައިޓުން އެކަނި ވެސް ރާއްޖެ އައި ކަމަށެވެ.
"އޭގެ ތެރެއިން ގިނަ މީހުންނަކީ މިދިޔަ ހަފުތާގެ ތެރޭގައި ބުކިން މީހުން. ފަހު ވަގުތު ބުކިން ހައްދައިގެން ގިނަ ބަޔަކު މިވަގުތު ދަތުރުކުރަނީ ރާއްޖޭގެ އިތުރުން ތައިލެންޑާއި ސްރީލަންކާއަށް. ނަމަވެސް ސްރީލަންކާއިން ވިސާ ދިނުމުގައި ގެނައި ބަދަލާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ ރާއްޖޭގެ އޮފް ސީޒަނާ ދިމާކޮށް "ލާސްޓް މިނިޓް ބުކިންސް" އިތުރުވުމާ ގުޅިގެން ޓޫރިޒްމް ޕްރޮމޯޓްކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
"މިވަގުތު ރާއްޖެ ޕްރޮމޯޓްކުރަން މަސައްކަތްތަކެއް ފަށައިފި ނަމަ ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ. އަޅުގަނޑުމެން މިހާރު މިގެންދަނީ ވީހާ ވެސް ގިނަ ބަޔަކު ގެނެވޭތޯ،" އޭނާ ވިދާޅުވި އެވެ.
ތުރުކީ އާއި މިސްރުގައި ހިންގަމުން އަންނަ ތަފާތު ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވަމުން އަންނަ ކަމަށް ބޭރުގެ ނޫސްތަކުގައި ބުނެފައިވެ އެވެ.