01 Jul 2013, 14:30
ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އެއްވެސް މީހަކު ހައްޔަރުކުރަން ފުލުހުންނަށް އަންގަވާފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ރިޒާވް ފޯސް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ މީގެ ކުރިން ފުލުހުންގެ މުވައްސަސާ ބޭނުންކުރަމުން ދިޔައީ އޭރަކު ހުންނަ ވެރިއަކު ބޭނުންވާ ވަގުތެއްގައި ކަންކަން ކުރަން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެމަނިފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެއްވެސް މީހަކު ހައްޔަރު ކުރުމަށް ނުވަތަ ދޫކޮށްލުމަށް އަމުރުކުރައްވާފައި ނުވާ ކަމަށް ފުލުހުން ހެކިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދާދި ފަހަކާ ހަމަށް ފުލުހުންގެ މުވައްސަސާ ބޭނުން ކުރަމުންދިޔައީ ހަމަ އެ އިރަކު ހުންނަވެރިއަކު ބޭނުންވާ ކަންކަން ކޮށް، ބަންދުކުރަން ޖެހޭ މީހުން ބަންދުކޮށް ދޫކުރަން ޖެހޭ މީހުން ދޫކޮށް ހެދުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި. ތިޔައިން ބޭފުޅުން ހެކިވެވަޑައިގަންނަވާނެ މި ވޭތުވެދިޔަ ދެ އަހަރު ދުވަސް ތެރޭގައި ތިއިން ބޭފުޅަކަށް އަންގާފައި ނޯންނާނެ ވަކި ބޭފުޅަކު ހައްޔަރުކުރާކަށް. ނުވަތަ އެވެނި މީހަކު ދޫކޮށްލާށޭ."
ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފުލުހުންގެ އިސް ވެރިންގެ ލަފައާ އެކު އެ މުވައްސަސާ އިތުރަށް ތަރައްގީ ކުރައްވަން ކަމަށެވެ. އަދި ފުލުހުންގެ މުވައްސަސާ ޕްރޮފެޝަނަލްކަން މަތީ ހިނގާނީ ފުލުހުންގެ މުވައްސާގެ ތެރެއަށް ސިޔާސީ ނުފޫޒުތަކުން އެއްކިބާ ވެގެން ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ނަމޫނާ ދެއްކޭތޯ ކަމަށް ވެސް ވިދާޅުވި އެވެ.
"ސިޔާސީ ނުފޫޒުން އަޅުގަނޑުމެންގެ މި [ ފުލުހުންގެ މުވައްސާ އިން މުވައްސަސާ އިން] ހިމާޔަތްކުރައްވައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. އެފަދަ ނުފޫޒުތައް ވަދެނުދިނުމަށް މުވައްސާތަކުގެ ވެރިން މަސައްކަތް ކުރުމަކީ އެ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އެ ނަމޫނާ ދެއްކޭތޯ،" ރައީސް ވަހީދު ވިދާޅުވި އެވެ.