މިސްކިތްތަކުގައި ދީނީ ޝިޔާރު ފާޅުކުރުމަށް ސިޓީ ކައުންސިލުން ހަމަޖައްސާފައިވާ ވަގުތުތަކަށް އިސްލާމިކް މިނިސްޓްރީން މިއަދު ފެށިގެން ބަދަލުގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިސްކިތްތަކުގައި އިސްލާމީ ޝިއާރު ފާޅުކުރުމަކީ އިސްލާމިކް މިނިސްޓްރީގެ މެންޑޭޓްގައިވާ ކަމެއް ކަމުގައިވާތީ އެތަންތަނުގައި ދީނީ ޝިއާރު ފާޅުކުރުމުގެ އެންމެހާ ކަންތައްތައް ހިނގާނީ އެ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށެވެ.

"ދިވެހި ރާއްޖޭގައި މީހުންގެ އަހުލާގީފެންވަރާއި އަގީދާ ހަރުދަނާ ކުރުމަށް ބޭނުންޖެހިފައިވާ ދުވަސް ވަރެއްގައި އިސްލާމީ ޝިއާރު ފާޅުކުރުމުގެ ކަންތައްތަކުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުން ދިނުން އެދެން،" އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިސްކިތްތަކުގައި ރޯދަ މަހު ދީނީ ނަސޭހަތް ދެވޭނީ އަސަރު ނަމާދަށް ފަހުގަ އެވެ. އަދި އެނޫން މަސް މަހު ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށްފަހުގަ އެވެ. އަދި އެނޫން ވަގުތުތަކުގައި ދީނީ ނަސޭހަތް ދެވޭނީ އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ދީނީ ޝިއާރުފާޅުކުރުމާ ބެހޭ ގޮތުން ބަޔާނެއް ނެރެފައި މިވަނީ މުސްލިމުންގެ ގުޅުމުގެ ފަރާތުން އިއްޔެ ރޭ އިޝާނަމާދަށް ފަހު ބަންޑާރަ މިސްކިތުގައި ދަރުސްދޭން އުޅެނިކޮށް މާލޭ ސިޓީކައުންސިލުން އެކަމަށް ހުރަސް އަޅައި އެކަން ހުއްޓުވާފައި ވަނިކޮށެވެ. އަދި ދަރުސްދެވޭނީ އެކަމަށް އެދި ހުށަހަޅައި ހުއްދަ ހޯދައިގެން ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިސްމާއިލް ސުޖާއު މިއަދު ވިދާޅުވީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތަކީ އެކައުންސިލުން ކުރަމުން ގެންދިޔަ ނަމަވެސް އެއީ ވެސް މިނިސްްޓްރީގެ މެންޑޭޓްގައިވާ ކަމެއް ކަމަށެވެ.

"ކައުންސިލަށް ނޭނގި އެފަދަ ބަދަލެއް ގެންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ، މިސްކިތްތަކުގައި ދަރުސްދޭ ގަޑިތަކަށް ބަދަލެއް ގެނެސްފައިވާކަން އަދި އަންގާފައެއް ނުވޭ. އެހެންވެ މިއީ ސިޔާސީ ނިންމުމެއް ކަމުގައި ބެލެވެނީ،" ސުޖާއު ވިދާޅުވި އެވެ.

މާލޭގެ މިސްކިތްތަކުގައި ދަރުސްދިނުމާ ބެހޭ ގޮތުން ސިޓީ ކައުންސިލުން ދޫކުރާ ހުއްދަ ފޯމްގައިވާ ގޮތުން ދަރުސްދެވޭނީ ރޭގަނޑު 9:00 އިން ފެށިގެން 10:00 އަށާއި އަދި 10:00 އިން ފެށިގެން 11:00 އަށެވެ.

މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ ކުރިން ސިޓީ ކައުންސިލުން ދުކުރަމުން ގެންދަނީ އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމަކުން އެ މަސްއޫލިއްޔަތު އެ ކައުންސިލާ ހަވާލުކުރުމާ ގުޅިގެންނެވެ.