01 Jul 2013, 14:08
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ލާން ޖެހޭ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓް ލުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމަ އަށް ހުޅުވާލާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައި ބުނެފައިވާ ގޮތުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓް ލުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް އެދި ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށެވެ.
ރަށްވެފައިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓް ލާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހަޅާ އިރު އެ ފޯމް ހުށަހަޅަން އަންނަ މީހާ އޭނާގެ މުއްދަތު ހަމަނުވާ އައިޑީ ކާޑް، ޕާސްޕޯޓް ނުވަތަ ލައިސްންސް ކާޑުގެ އަސްލާއި ކޮޕީ ގެންދަންވާނެ ކަމަށް ކޮމިޝަންގެ އިއުލާންގައި ބުނެފައިވެ އެވެ. އަދި ރަޖިސްޓްރީ ކުރަން އެދޭ ފަރާުތުގެ ވެސް މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލާއި ކޮޕީ ނުވަތަ ޕާސްޕޯޓް އަސްލު ނުވަތަ ކޮޕީ ނުވަތަ ލައިސްންސް އަސްލު ނުވަތަ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައި ބުނެފައިވެ އެވެ.
ކޮމިޝަންގެ އިއުލާންގައި އިތުރަށް ބުނެފައި ވަނީ ކުރީގެ އިންތިހާބެއްގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވީ ނަމަވެސް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންރަށެއް ނުވަތަ ތަނެއްގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް ކޮމިޝަންގެ އިއުލާނުގައި ބުނެފައިވެ އެވެ.