އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސިޓީ ލިބުނު ހިސާބުން ފެށިގެން އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން، ސްޓޭޓް މިނިސްޓަރު އިލްޔާސް ހުސައިން އިބުރާހިމް ވިދާޅުވެއްޖެ އެވެ.


އިލްޔާސް މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމާ ބެހޭ ގޮތުން ފެތުރުނު ހުރިހާ ވާހަކަތަކެއް ފެތުރުނީ ރިޕޯޓަރުން ކަމަށާއި އޭސީސީގެ ސިޓީ ލިބުނު ވަގުތުން ފެށިގެން ޕްރޮޖެކްޓް ކުރިޔަށް ގެންދިއުން އިމިގްރޭޝަނުން ހުއްޓާލާފައިވާ ކަމަށެވެ.


"ހުރިހާ ވާހަކައެއް ފެތުރީ މިއުޅޭ ބައެއް ރިޕޯޓަރުން. އަޅުގަނޑުމެނެއް އެ ޕްރޮޖެކްޓް ކުރިޔަކަށް ނުގެންދަން. އޭސީސީން ސިޓީ ލިބުމާ އެކު އޮންނާނީ ހުއްޓާލާފައި. ދެން އެކަމާމެދު ގޮތެއް ނިންމާނީ އޭސީސީން މިހާރު އަޅުގަނޑުމެނެއް އެކަމެއް ނުކުރަން،" އިލްޔާސް ވިދާޅުވި އެވެ.


ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އިމިގްރޭޝަނުން މެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލު ކުރީ މިދިޔަ މަހުގެ 17 އިގަ އެވެ. އިލްޔާސް ވިދާޅުވީ އޭސީސީގެ ސިޓީ ލިބިފައި ވަނީ އެ ޕްރޮޖެކްޓްގައި ސޮއިކުރި ފަހުން ކަމަށެވެ. ސިޓީ ލިބުމާ އެކު އެ ސިޓީގައިވާ ގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ.


އިލްޔާސް އެހެން ވިދާޅުވި ނަމަވެސް އިމިގްރޭޝަންގެ ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ޕްރޮޖެކްޓްގައި ސޮއިކޮށްފައި ވަނީ އޭސީސީން ޕްރޮޖެކްޓް ފަސް ކުރަން އަންގާފައި ވަނިކޮށް ކަމަށާއި އަދި ސޮއިކުރީ ކުރިން ސޮއިކުރަން ނިންމާފައިވާ ދުވަހަށްވުރެ އަވަސްކޮށް ކަމަށެވެ. އޭސީސީން ވެސް ބުނެފައި ވަނީ ސޮއިކޮށްފައި ވަނީ ލިޔުމުން އަންގާފައިވަނިކޮށް ކަމަށެވެ.


ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް އިމިގްރޭޝަނުން ބީލަމަށް ހުޅުވާލިއިރު ބުނެފައިވަނީ އިލެކްޓްރޯނިކް ބޯޑާ ގޭޓް ސިސްޓަމަކީ އޮޓޮމޭޓެޑް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އާއި ފިންގަޕްރިންޓް ޓެކްނޮލޮޖީ މެދުވެރިކޮށް މީހުންގެ މައުލޫމާތު ދެނެގަނެވޭނެ ނިޒާމަކަށް ވާންޖެހޭނެ ކަމަށެވެ. ޓްރެވަލް ޑޮކިއުމަންޓް ރެކޯޑާއި ޕާސްޕޯޓާއި ވިސާ ޕާމިޓް ފިންގަޕްރިންޓް ޑޭޓާ ބޭސްގެ މައުލޫމާތު ވެސް ވަގުތުން ބެލެން ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް 39 މިލިއަން ޑޮލަރަށް ނެކްސް ބިޒްން ގެންނަ ގޮތަށް ސޮއިކުރި ޕްރޮޖެކްޓްގައި ހިމެނޭ ސިސްޓަމްގައި އެބައިތަކެއް ނުހިމެނެ އެވެ.