މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާއި އައިބީއެމް (އައިލެންޑް ބިވަރޭޖާސް މޯލްޑިވްސް) އިން ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކާމުންގެންދާ "ތާޒާ" ފެނުގެ އަގު ކަސްޓަމަރުންނަށް ކުރިން އެންގުމަކާ ނުލައި ކުއްލިއަކަށް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އައިބީއެމްއިން އެތަނުގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ އަގު ލިސްޓުގައިވާ ގޮތުން، އެތަނުން ވިއްކާ ތާޒާ ފެނުގެ އަގު ކޭހަކުން ޖީއެސްޓީ ހިމަނައިގެން 4.24ރ އަދި ބޮޑު ފެން ކޭހަކުން 6.36ރ ބޮޑުކޮށްފައި ކަމަށެވެ. އަދި ކުރިން 1،500 އެމްއެލްއާއި 500 އެމްއެލްގެ ފެން ކޭހެއް، ފިހާރަތަކަށް އަބީއެމްއިން ދޫކުރާ އަގަކީ ޖީއެސްޓީ ހިމަނައިގެން 48.76ރ އެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން އެ ސައިޒުގެ ފެން ކޭހެއްގެ އަގު 53ރ އަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި 330 އެމްއެލްގެ ފެން ކޭހެއް ޖީއެސްޓީ ހިމަނައިގެން 47.7ރ އަށް ދޫކުރިއިރު މިއަދުން ފެށިގެން އެ އަގު ވަނީ 51.94އަށް ބޮޑު ކޮށްފަ އެވެ. ވިޔަފާރި ކުރާ ތަންނަނަށް ކުރިން 44.52ރ އަށް ދޫކުރި 5ލީޓަރުގެ ފެން ކޭހެއް މިހާރު ދޫކުރަނީ 50.88ރ އަށެވެ.

އެހެން ކަމުން އެ ބަދަލާއެކު މިހާރު ފިހާރަތަކުން 1،500 އެމްއެލްއާއި 500 އެމްއެލްގެ ތާޒާ ފެން ކޭހެއް ވިއްކަނީ، 62.54ރ އަށެވެ. އަދި 330 އެމްއެލްގެ ފެން ކޭހެއް 62.54ރ އަށް ވިއްކާއިރު 5 ލީޓަރުގެ ފެންކޭހެއް ވިއްކާނީ 61.84ރ އަށެވެ.

ރޯދަމަށް ކުރިމަތިވެފައި ވަނިކޮށް ފެނުގެ އަގަށް ގެނައި ބަދަލާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ސަންއިން، ގުޅުމުން އެމްޑަބްލިޔުއެސްސީން އެ މައުލޫމާތު ވަނީ ލިބޭގޮތް ނުވެފަ އެވެ.

"ތާޒާ" ފެން ގޭގެއަށާއި ވިޔަފާރިކުރާ ތަންތަނަށް ސަޕްލައި ކޮށްދޭ އަމިއްލަ ފަރާތަކުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސަންއާ ވާހަކަދައްކަމުން ބުނީ، އެއްވެސް އެންގުމަކާއި ފެނުގެ އަގު ބޮޑުކުރުމުން އެ މީހުންގެ ވިޔަފާރިއަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް މިބަހައްޓަނީ ފެނަށް ކުރީބައި ގައި އޯޑަރު ދީފައި. ދެން މިއަދު ބިލްތައް ލިބުނު އިރު އަގުތަކަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައި. އެގޮތަށް އަގު ބޮޑު ކުރުމުން އަޅުގަނޑުމެން ގޭގެއަށާއި، ފިހާރަތަކާއި އަދި ހޮޓާތަކަށް ފެން ހިފައިގެން ދިއުމުން އެތަންތަނުން އަޅުގަނޑުމެން ވިއްކާ އަގާ ދޭތެރޭގައި މައްސަލަ ޖައްސަން ފެށީ،" ސަންއަށް މައުލޫމާތު ދިން ސަޕްލަޔާ ބުންޏެވެ.