އެޓާނީ ޖެނަރަލް އައިޝަތު ބިސާމަށާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރަށް މަޖިލީހުން ރުހުން ނުދޭން ފާސްކޮށް، ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް މަޖިލީހުގެ ރުހުން ދިނުމަށް ފާސްކޮށްފި އެވެ.

ބިސާމަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓު އެއްކޮޅަށް ވޯޓު ދެއްވި މެންބަރުންނާއި ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު 32 އެއްވަރުވުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓު ދެއްވީ އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. ޝާހިދުގެ ވޯޓާއެކު 33 މެންބަރުންގެ އަގުލަބިއްޔަތުން ބިސާމަށް ރުހުން ނުލިބުނެވެ.

އަޒިމާއަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 33 މެންބަރުންގެ އަލުގަބިއްޔަތު ލިބުނީ އޭނާއަށް ރުހުން ނުދިނުމަށެވެ. 31 މެންބަރުން ވޯޓު ދެއްވީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށެވެ.

ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 33 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާއަށް ރުހުން ދިނުމަށެވެ. 32 މެންބަރުން ވޯޓު ދެއްވީ އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށެވެ.