ފުލުހުންގެ ހިދުމަތަށް އަލަށް ތާއާރަފްކުރި ސްޕެޝަލް ކޮންސްޓެބެލަރީ ނުވަތަ ރިޒާވް ފޯސް، 43 ފުލުހަކާއި އެކު މިއަދު އިފްތިތާހުކޮށްފި އެވެ.

ފުލުހުންގެ ރިޒާވް ފޯސް އިފްތިތާހް ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިޔާތުގައި ފުލުސް ރިޒާވް ފޯސް އުފެއްދެވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާ ހަވާލުކޮށްދެއްވާފަ އެވެ. އަދި ފުލުހުންގެ ރިޒާވް ފޯހުގެ ބައިވެރިނަށް ލިޔުން ހަވާކުކޮށްދެއްވާފައިވަނީ ވެސް ރައީސް ޑރ. ވަހީދެވެ.

އެ ރަސްމިޔާތު ކޮމިޝަން އޮފް އަބްދުﷲ ރިޔާޒް ވިދާޅުވީ ފުލުހުން އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ރިޒާވް ފޯހަށް 1000 މީހުން ނަގައި ތަމްރީން ކުރުން ކަމަށެވެ.

ފުލުހުންގެ ރިޒާވް ފޯހެއް އުފައްދާފައި ވަނީ ޒުވާނުނަށް ވަޒީފާގެ ފުރުސަތު ބޭނުންވާ ކަމުގެ ވާހަކަތައް ދެކެވޭ ދަނޑިވަޅެއްގައި ކަމަށާއި މީގެ ސަބަބުން ޒުވާނުންތަކަށް ވަޒީފާ ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގައި ސްޕެޝަލް ކޮންސްޓަބަލުން އުފެދިގެން ދަނީ ވަރަށް ވެސް މުހިންމު ދަނޑިވަޅެއްގައި. ޒުވާނަކީ ގައުމަށް މުހިންމު ބަޔަކަށް ހެދުމަކީ އަޅުގަނޑުމެން އެންމެ ގަބޫލުކުރާ ސިޔާސަތެއް ކަމަށް ވާހަކަތައް ދެކެވޭ ދަނޑިވަޅެއްގައި. އެހެން ކަމުން މިއަދު ތާއަރަފުކުރެވުނު ސްޕެޝަލް ކޮންސްޓަބަލުންގެ ސަބަބުން ގައުމަށް ހިދުމަތް ކުރާނެ ޒުވާނުންތަކެއް ނެރުމުގެ އަމަލީ މަސައްކަތް ފެށިގެންދާކަން އުފަލާއެކު ފާހަގަކުރަން،"

ރިޔާޒް ވިދާޅުވީ ފުލުހުން ރިޒާވް ފޯސްއަށް ހުޅުވާލުމުން 500 އަށްވުރެ ގިނަ މީހުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން ފުލުހުންގެ ރިޒާވް ފޯސަށް ނަގާފައި ވަނީ ކުރިމަތިލި ފަރާތްތަކަށް ދިން އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ލިބުނު 43 މީހަކު ކަމަށެވެ.

މިއަދު އުފެއްދި ފުލުހުން ރިޒާވް ފޯހުގައި އަންހެނަކު ހިމެނޭއިރު އަށް މީހުންނަކީ ކުރިން ފުލުހުންގެ ވަޒީފާގައި އުޅުމަށްފަހު ޝަރްފަވެރިކަމާއިއެކު ވަކިވެފައިވާ މީހުން ކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުންގެ މުވައްސަސާއަށް އަލަށް ގުޅުނު 35 މީހުނަށް ހަތަރު މަސް ދުވަހުގެ ޓްރޭނިން ދިނުމަށް ހަމަ ޖެހިފައިވާއިރު ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު އަށް ފުލުހުން މިއަދު ތިލަފުށީގައި ހުޅުވާ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަން ފަށާނެ ކަމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒް ވިދާޅުވި އެވެ.

އެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ދެއްކެވި ވާހަކަފުޅުގައި ރިޒާވް ފޯހުގެ ބައިވެރިންނަކީ ދާއިމީ އެހެން ވަޒީފާތަކުގެ އުޅެވާ ބަޔަކަށްވާއިރު ފުލުހުންގެ ރިޒާވް ފޯހާއި ގިނަ އަދަދެއްގެ މީހުން ގުޅިގެން ދިއުމުން ދޭހަވަނީ ފުލުހުނަށް އެއްބާރުލުން ދީ ގައުމު އަމާންތަނަކަށް ހެދުމަށް މީހުން ތައްޔާރަށް ބަޔަކު ތިބިކަން ކަމުގައި ވިދާޅުވި އެވެ.

އަދި ފުލުހުންގެ ރިޒާވް ފޯހުގެ ބައިވެރިނަށް ކޮންމެ މަހަކު މުސާރަ ލިބިގެންނުދާނެ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ރިޒާވް ފޯހާއި ގުޅުނު މީހުނަކީ ހިލޭ ސާބަހަށް ހިދުމަތްކޮށްދިނުމަށް ގުޅުނު މީހުން ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. ހަމަ އެހެންމެ ރިޒާވް ފޯސް އެކުލެވިގެން ދިއުމާއެކު ގައުމުގައި އަމާންކަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.