ކުރިއަށް އޮތް 68 ދުވަހުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލް އިދާރާގައި މިއަދު ނޫސްވެރީންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމަކީ އެމްޑީޕީ އަށް ނުކުރެވޭ ވަރުގެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ކުރިއަށް އޮތް 68 ދުވަހުގެ ތެރޭގައި އެ ކޮމިޝަން އިސްލާހުކޮށް އެތަނުގައި ހުރި ކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.

"ކުރިއަށް އޮތް 68 ދުވަހުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރެވޭނެ. އެތަނުގައި ހުރި ކަންކަން ހައްލު ކުރެވޭނެ. ޖޭއެސްސީ ހައްލު ކުރެވުނީމާ ފަނޑިޔާރުގެ ތަކުގެ މައްސަލަ އިރާދަކުރެއްވިއްޔާ ހައްލު ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް އެ ކޮމިޝަންގައި އިންނެވޭ ގޮތެއް ނެތް ކަމަށާއި އެކަން ވެސް ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކޮމިޝަންގައި ރިޔާސީ ކެންޑިޓޭޓަކު އިންނަވާތީ އެއީ ވެސް ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖޭއެސްސީ އަކީ ގާނޫނު އަސާސީގެ ދަށުން އެކުލަވާލެވިފައިވާ މުއައްސަސާއެކެވެ. ދިހަ މެންބަރުގެ މައްޗަށް އެކުލެވިގެންވާ އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރަކާއި ދައުލަތުގެ ބަންޑާރަ ނާއިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އައްޔަން ކުރާ ބޭފުޅަކާއި އާންމުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއްގެ އިތުރުން ދަށު ކޯޓުތަކުން އައްޔަން ކުރާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެކެވެ.

އެ ކޮމިޝަން އެކުލެވިގެންވާ ގޮތާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ނަޝީދު ވަނީ އެ ކޮމިޝަން އެކުލަވާލެވިފައި ވަނީ ރަނގަޅަށް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ.

ނަޝީދު ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ކަންކަމުގައި ފިޔަވަޅު އެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކު އިންނެވުމަކީ ރާއްޖެ އިން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އަމަލުކުރަމުން ގެންދާ އުސޫލެއް ކަމަށެވެ. އަދި ވިދާޅުވީ ބޭރުގެ ބައެއް ގައުމުތަކުގައި ފަނޑިޔާރުން ވެސް ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ހަރަކާތްތެރިވާ ކަމަށެވެ.

ފަނޑިޔާރަކު ގޯސްކޮށް ކަމެއް ކުރައްވައިފި ނަމަ ޖޭއެސްސީ މެދުވެރިކޮށް އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޖޭއެސްސީން މަސައްކަތް ކުރަން ޖެހޭނީ ދެފުއްފެންނަގޮތަށް ކަމަށާއި ނޫސްވެރީންނަށް ވެސް އެ ކޮމިޝަންގެ ބައްދަލުވުންތަކުގައި ތިބެވެންޖެހޭނެ ކަމަށެވެ.