ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ވިއްކަމުން އައި ފިޔަ އާއި ބިހުގެ ސްޓޮކް މަދުވެގެން ހޯލްސޭލް ކުރުން ހުއްޓާލައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ރޯދަޔަށް ހާއްސަކޮށްގެން ވިއްކަމުން ދިޔަ ބިހާއި ފިޔައިގެ ސްޓޮކް މިހާރު ހުސްވެފައިވާ ކަމަށާއި އަދި ހޯލްސޭލް ކުރުން ހުއްޓާލި ނަމަވެސް ރީޓެއިލް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފިޔަ އާއި ބިހުގެ ސްޓެކް ލިބި ހޯލް ސޭލް ކުރަން ފެށޭނެނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު ހަމައެކަނި މެދުކެނޑިފައި މިވަނީ ހޯލްސޭލް، އެ ވެސް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ސްޓޮކް ލިބި އަލުން ހޯލް ސޭލް ކުރަން ވެސް ފެށޭނެ. ދެން ހޯލްސޭލް ކުރުން ހުއްޓާލާފައި ވީ ނަމަވެސް ރީޓެއިލް ކުރާނެ މިހާރު ވެސް،" އެސްޓީއޯގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލުވީގެ ސްޓޮކް މިހާރު ވެސް އެބަހުރި ކަމަށާއި އަދި ފިޔަ އާއި ބިހުގެ ސްޓޮކް ހުސްވި ނަމަވެސް އެތަކެތި ރީޓެއިލްކުރާ އަގު ބޮޑުކޮށްފައިނުވާ ކަމަށެވެ. ރޯދަޔަށް ހާއްސަކޮށްގެން އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކަނީ 230ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 190ރ. އަށް ވިއްކާ އިރު ބިސް ކޭހެއް ވިއްކަނީ 280ރ. އަށެވެ.