ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ކުރިއަށް ގެންދިޔަ ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން މުވައްޒަފުން ވީއްލުމުގެ ޕްރޮގްރާމްގެ ދަށުން ވަޒީފާ އިން ވަކިވެފައިވާ މީހަކަށް އިތުރަށް ޒަމާކޮށްދިން ބައިލައްކައެއްހާ ރުފިޔާ އަނބުރާ ސަރުކާރަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެ ފައިސާ ޖަމާކޮށްދީފައި ވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ވަޒީފާ އިން ވަކިވި ހއ. ދިއްދޫ ޑޯންލައިޓް، އަބްދުﷲ ރަޝީދުގެ އެކައުންޓަށެވެ. އަދި އެ ފައިސާ އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސަރުކާރަށް އަނބުރާ ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ވަޒީފާ އިން ވީއްލުމުގެ ޕްރޮގްރާމްގެ ދަށުން 150،000 ރުފިޔާ ދައުލަތުން ލިބިގަނެ ވަޒީފާ އިން ވީއްލައިދިނުމަށް އެދި ފިނޭންސްސަށް އަބްދުﷲ ރަޝީދު ހުށަހެޅުމުން އޭނާ އެދުނު އަދަދަށް ވުރެ އިތުރަށް 50،000 ރުފިޔާ ފިނޭންސުން އޭނާގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށްދީފައިވާކަން އޭނާގެ އިއުތިރާފުން ޝާބިތުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްޑީޕީ ސަރުކާރުން އޭރު ހިންގި ވަޒީފާ އިން ވީއްލުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަނީ ސަރުކާރުން ތައާރަފްކުރި ޕެކޭޖްތަކެއްގެ ދަށުން ސަރުކާރުގެ ވަޒީފާ އިން ވަކިވެފަ އެވެ.