މިހާރު ކުރިއަށް ގެންދާ ތިންވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ އޯޕަން ސިންގަލްސް ޗެމްޕިއަންކަން އެމްބީސީގެ އިސްމާއީލް އަޒުމީން ހޯދައިފި އެވެ.

ފައިނަލްގައި އެމްބީސީގެ އަބްދުﷲ ލަބީދާއި ބައްދަލުކޮށް މެޗު ކާމިޔާބުކުރީ ދެ ސެޓު އެއްސެޓުން ނެވެ. އޭނާ ސެޓްތައް ގެންގޮސްފައި ވަނީ 21-0 / 5-19 / 22-11 އިންނެވެ. މި އިވެންޓުގެ ތިންވަނަ މަގާމު ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިބްރާހިމް ރަޒީފެވެ.

ރޭގައި ކުޅުނު ފިރިހެން ޑަބަލްސް ފައިނަލް މެޗު ކާމިޔާބުކޮށްގެން ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފް ގެ އިސްމާއިލް ސަލީމާއި އަހުމަދު ފާއިޒުގެ ޕެއާ އެވެ. ފައިނަލްގައި އެމްބީސީ ގެ އަހުމަދު އަހުސަން އާއި އަލީ ޝަފާއުގެ ޕެއަ އާއި ވާދަކޮށް މެޗު ކާމިޔާބުކުރީ ދެ ސެޓު އެއްސެޓުން ޓުންނެވެ. ސެޓްތައް ގެންގޮސްފައި ވަނީ 10-12 / 7-5 / 6-0 އިންނެވެ.

ފިރިހެން ޑަބަލްސް ތިންވަނަ މަގާމު ހޯދީ އެމްބީސީގެ އިސްމާއިލް އަޒުމީނާއި އަބުދުﷲ ލަބީދުގެ ޕެއަ އެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ އައިމިނަތު ހަލީމް އަދި މަރިޔަމް ހުދުނާ ގެ ޕެއަ އެވެ. ފައިނަލްގައި އެޗްޑީސީ ގެެ ފާތިމަތު ޝަހުލާ އާއި އައިޝަތު މުނީޒާގެ ޕެއާ އާއި ވާދަކޮށް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ކާމިޔާބު ކޮށްފައިވަނީ 25-0 / 20-8 އިންނެވެ.

މުބާރާތުގެ މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން ސިންގަލްސްގެ ފައިނަލްގެ އިތުރުން މުބާރާތުގެ އެންމެ މުހިއްމު އަދި ފޯރިގަދަ އިވެންޓު ކަމުގައިވާ ފިރިހެން އަދި އަންހެން ޓީމު އިވެންޓުގެ ފައިނަލެވެ.

ފިރިހެން ޓީމު ފައިނަލުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޯޓްސްލިމިޓެޑެވެ. އަންހެން ޓީމް ފައިނަލުގައި ބައްދަލުކުރާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ބެންކް އޮފް މޯލްޑިވްސް އެވެ. ފިރިހެން ޓީމު ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ އެމްބީސީ އާއި އެސްޓީއޯ ގެ ޓީމެވެ. އަންހެން ޓީމް ތިންވަނަ ހޮވާ މެޗުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އެޗެޑީސީ އެވެ.

ފިރިހެން ސިންގަލްސް ފައިނަލްގައި ބައްދަލުކުރާނީ ބޭންކް އޮފް މޯލްޑިވްސްގެ އަހުމަދު ޝަރީފް ހުސެއިން އަދި އެމްބީސީ ގެ އަބްދުﷲ ލަބީދެވެ. އަންހެން ސިންގަލްސް ފައިނަލްގައި ބައްދަލުކުރާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އައިމިނަތު ހަލީމާއި މިނިސްޓްރީ ފިނޭންސް އެންޑް ޓްރެޜަރީގެ ހަލީމަތު މައިމޫނާ އެވެ.