04 Nov 2010, 10:45
ޝީރީން މަރާލާނެ ކަމުގެ އިންޒާރު އޭނާ މަރުވެފައި އޮއްވާ ފެނުމުގެ ފަސް ދުވަސް ކުރިން ޝީރީންގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ މުހައްމަދު ނަޖާހުގެ ދީފައިވާ ކަމަށް ނަޖާހުގެ ކުރީގެ އަނބިމީހާ ޝަރީއަތުގައި މިއަދު ހެކިބަސް ދީފި އެވެ.
ނަޖާހުގެ ކުރީގެ އަނބި މީހާގެ ހެކިބަސް ނަގާފައި ވަނީ އޭނާ މިހާރު ދިރިއުޅޭ ލ. ގަމުގެ ކޯޓަށް ހާޒިރުކޮށް ފޯން ކޮންފަރެންސް މެދުވެރިކޮށެވެ. ނަޖާހުގެ ކުރިން އިނދެގެން އުޅުނު މީހާ ބުނީ އޭނާއަށް ގުޅައިގެން ޝީރީނުގެ ގައިގައި ތަޅާ އަނިޔާ ކުރާ ކަމަށް ނަޖާހު ބުނެފައިވާ ކަމަށައި ލ. މުންޑޫ އަށް އުފަން ޝީރީން މަރުވެފައި އޮއްވާ ފެނުމުގެ ފަސް ދުވަސް ކުރިން ގުޅައި ޝީރީން މަރާލާނެ ކަމުގެ އިންޒާރު ދީފައިވާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.
ޝީރީނާއި ނަޖާހުގެ އެކުވެރިއެއް ކަމަށްވާ ހުސެއިން ޖިނާހުގެ ހެކިބަހުގައި އޭނާ ބުނީ ޝީރީނަށް ނަޖާހު އަނިޔާކުރި މަންޒަރު މީގެ ކުރިން ފެނިފައިވާ ކަމަށާއި ޝީރީން ދެކެ ރުޅި އައިސްގެން ނަޖާހު ވަޅިއެއް ހިފައިގެން އުޅުނު ތަން ވެސް އޭނާއަށް ފެނިފައިވާ ކަމަށެވެ.