ފީފާ ކޮންފެޑެރޭޝަން ކަޕް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކާމިޔާބު ވުމުން ދެން ދަތުރު ފަށާނީ 2014 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބްރެޒިލްއަށް ކާމިޔާބު ކޮށްދިނުމުގެ ބުރަ މަސައްކަތައް ކަމަށް ބްރެޒިލްގެ ކޯޗު ލުއިސް ފެލިއްޕޭ ސްކޮލާރީ ބުނެފި އެވެ.

ފީފާ ކޮންފެޑެރޭޝަން ކަޕްގައި ރޭ އެންމެ ފަހުގެ ދެ ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ސްޕެއިން އަތުން 3-0 ލަނޑުން ބްރެޒިލް މޮޅުވި މެޗަށްފަހު ކޯޗް ސްކޮލާރީ ބުނީ އޭނަގެ ޓީމުން ރޭ ދެއްކި ކުޅުމަކީ މޮޅު ކުޅުމެއް ކަމަށެވެ. އަދި ރޭގެ ކާމިޔާބީއާ އެކު ބްރެޒިލްގެ ހުރިހާ ކުޅުންތެރިން ތިބީ އަމިއްލަ ގައުމުގައި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ދަތުރަށް ފެށުމަށް ތައްޔާރަށް ކަމަށާއި އެ ދަތުރު ހަގީގީ ދަތުރަކަށް ހެދުމުގައި ބްރެޒިލްގެ ކުޅުންތެރިން މިހާރު ތިބީ އެއް އަޒުމެއްގައި ކަމަށެވެ.

"އަހަރުމެން ދެން މަސައްކަތް ފަށާނީ ވޯލްޑް ކަޕަށް. ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ބްރެޒިލްއިން ބުރަ މަސައްކަތްތަކެއް ކުރާނެ." ސްކޮލާރީ ބުންޏެވެ.

ސްކޮލާރީ ބުނީ ސްޕެއިން ކުރަމުން އައި ރަސްކަމަށް ނިމުމެއް ގެނައުމަށް ބްރެޒިލްގެ ކުޅުންތެރިން ރޭ ކުރި ބުރަ މަސައްކަތަކީ ބްރެޒިލްގެ ހުރިހާ ރައްޔިތުން ވެސް އުފާވާ ވަރުގެ މަސައްކަތެއް ކަމަށެވެ. އަދި ބްރެޒިލްގައި ކުރަމުން އަންނަ މުޒާހަރާތަކަށް ރޭގެ ކާމިޔާބީއާއެކު ފިނިކަމެއް އަންނާނެ ކަމަށް ވެސް ސްކޮލާރީ ބުންޏެވެ.

ރޭގެ ފައިނަލް މެޗު ފެށުމުގެ ކުރިން ބްރެޒިލްގެ އެތަށް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށް ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައި ދިޔަ ބްރެޒިލްގެ ރިއޯގެ މަގުތަކުގައި، އެގައުމުގެ އެތަކެއްހާސް ރައްޔިތުންނެއް މިހާރު ދަނީ އުފާ ފާޅު ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.