01 Jul 2013, 12:01
އެޓާނީ ޖެނަރަލް އައިޝަތު ބިސާމް އާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ އިތުރުން ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގައި މިއަދު ނަގާ ވޯޓުގައި އެ ތިން ވަޒީރުނަށް ވެސް ރުހުން ނުދެއްވާނެ ކަމަށް ސަރުކާރުގައި ހިމެނޭ ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އެހެން ވިދާޅުވެފައި ވަނީ މިއަދު ނަގާ ރުހުން ދިނުމުގެ ވޯޓުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވޯޓު ދޭނެ ގޮތް އަދި ނިންމާފައި ނުވަނީސް އެވެ.
ބަންޑާރަ ނައިބާއި ހިއުމަން ރައިޓްސް މިނިސްޓަރަށް ރުހުން ނުދީ ޓްރާސްޕޯޓް މިނިސްޓަރަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން އަބްދުރަހީމް ވިދާޅުވީ ތިން ވަޒީރުންނަށް ރުހުން ދިނުމާމެދު އެ ޕާޓީގެ ޕީޖީން ގޮތެއް ނިންމާނީ "ވޯޓަށްބައިގަޑިއިރަށްވުމުން" ކަމަށެވެ. ނަމަވެސް "ވޯޓު ދޭނެ ގޮތް އިނގޭނީ އަޅުގަނޑަށް" ކަމަށާއި ނަމަވެސް ތްރީލައިން ވިޕެއް ނެރެފިނަމަ، އެ ވިޕަކާ އެއްވެސް ދުވަހަކު ހިލާފުވެފައި ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ވަޒީރުކަމަށް ގެންނަ މީހުންނަކީ ކޮންކަހަލަ ބޭފުޅުންތޯ ބަލަންޖެހޭ ކަމަށާއި އެބޭފުޅުން ވަޒީރުކަމަށް ވަޑައިގެން އަމަލު ކުރައްވާފައިވާ ގޮތުން ރުހުން ދިނުމާމެދު ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވަންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. "ވަޒީރުކަމަށް ގެންނައިރު، ގެނެވެނީ ކޮން ބައެއްތޯ ވެސް ވިސްނާލަން އެބަޖެހޭ. އެއީ އެ ބޭފުޅުން ވަޒީރުކަމުގަ ތިއްބަވައިގެން ދައްކަވާފައިވާ ވާހަކަފުޅުތަކުން އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ ބޭފުޅުން އެބޭފުޅުންނާ ދޭތެރޭގައި. އޭބޭފުޅުން އެ މަގާމަށް ވަޑައިގަންނެވެން ވޯޓު ދެއްވި ބޭފުޅުންނަށް ހަރާންކޯރުވެފައިވާ ބޭފުޅުން އެއީ. އެހެންވީމަ އެފަދަ ބޭފުޅުންނަށް އަނެއްކާވެސް ރުހުން ދޭން އުޅޭއިރު، ވިސްނާލަންޖެހޭ ކަމެއް،" ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރިޔާސީ ކޯލިޝަނަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ ވާހަކަފުޅު ދެއްކެވުމަށްފަހު އަބްދުއްރަހީމްގެ ވަހާކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ތިން ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށެެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ޓްވިޓާގައި ވިދާޅުވެފައި ވަނީ ހިއުމަން ރައިޓްސް މިނިސްޓަރު އާޒިމާއަށް އޭނާ ވޯޓެއް ނުލިބޭނެ ކަމަށެވެ. އާޒިމާއަށް ރުހުން ދިނުމަށް ވޯޓު ނުދެއްވަނީ ކީއްވެގެން ކަމެއް މަހުލޫފު ވިދާޅެއް ނުވެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ބަހުސް ނިންމުމަށްފަހު މިއަދު މެންދުރުފަހު 1:30ގައި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާނެ އެވެ.
ވަޒީރުނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ތަފާތު ހިޔާލުތަކެއް ޕީޕީއެމްގެ މަޖިލިސް މެންބަރުން ގެންގުޅުއްވާއިރު، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އުޅުއްވަނީ އެމްޕެއިން ދަތުރުފުޅެއްގައި އައްޑޫ ސިޓީގަ އެވެ.